ރާއްޖޭގައި ކާނާގެ ޔާގީންކަން ދެމެހެއްޓެނިވިގޮތެއްގައި ކަށަވަރުކުރުމަށްޓަކައި މަސްވެރިކަމާ ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކުރުން މުހިންމުކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ޖަމްޢިއްޔާ އެފް.އޭ.އޯ ގެ 35 ވަނަ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮންފެރެންސްގެ މިނިސްޓީރިއަލް ސެޝަންގައި ވާހަކަ ދައްކަވަމުންނެވެ.
އޭޝިއާ ޕެސިފިކް ރީޖަނަލް ކޮންފެރެންސްގެ މިނިސްޓީރިއަލް ސެޝަންގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޒަހާ ވަނީ ކާނާގެ ޔަގީންކަން ހޯދުމަށް ދިވެހި ރާއްޖޭން ކުރަމުންދާ މަސައްކަތްތަކަށް އަލި އަޅުއްވާލާފައެވެ. އަދި ކޯވިޑް-19އާ ގުޅިގެން ދިވެހިރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުން ކުރަމުންދާ މަސައްކަތްތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޒަހާ ވަނީ ޔުނައިޓެޑް ނޭޝަންސްގެ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން، އެފް.އޭ.އޯ ސަރަަހައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ދުނިޔޭގެ ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތުގައި ރާއްޖެއިން އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.
46 ގައުމެއްގެ މަންދޫބުން ބައިވެރިވާ 4 ދުވަހުގެ ވާރޗުއަލް ކޮންފަރެންސް މި އަހަރު ހާއްސަކުރެވިފައިވަނީ ކޯވިޑް-19އާ ގުޅިގެން އޭޝިއާ ޕެސިފިކް ސަރަހައްދަށް ދިމާވެފައިވާ މާލީ އަދި އިޤްތިސޯދީ ދަތިތަކާއި އަދި ދަތިތައް ނައްތާލުމަށް ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށެވެ.
މި ކޮންފަރެންސްގައި ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެފް.އޭ.އޯ.އިން ފަށްޓާފައިވާ، ކޯވިޑް-19 ރެސްޕޯންސް އެންޑް ރިކަވަރީ ޕްރޮގްރާމްއަށް ވަނީ އަލި އަޅުވާލާފައެވެ. މިޕްރޮގްރާމްގައި ބައިނަލްއަޤުވާމީ، ސަރަހައްދީ އަދި ޤައުމީ ފެންވަރުގައި ކޮވިޑް-19ގެ ބަލިމަޑުކަމުން ސަލާމަތްވުމަށް އެކިއެކި ވަސީލަތްތައް ބޭނުންކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.
އޭޝިއާ ޕެސިފިކް ގައުމުތަކުން 675 ބައިވެރިން ބައިވެރިވި މި ކޮންފަރެންސްގެ ސެކްރެޓޭރިއޭޓް ބަލަހައްޓާފައިވަނީ ބޫޓާން ސަރުކާރުގެ ފަރާތުންނެވެ. މި ކޮންފަރެންސް ކުރިއަށްދާނީ މިއަދުގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް