ދުރާލާ ރާވައިގެން ރިޟްވާން މަރާލި މަރާލުމަކީ މުޅި މީޑިއާއަށް ދިން އުދުވާނީ ހަމަލާއެއް ކަމުގައިވެސް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.
އެ ކައުންސިލުން މިހެން ބުނެފައިވަނީ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ރަހީނުކޮށް މަރާލާފައިވާތީ އެކަމާއި ގުޅިގެން އެ ކައުންސިލުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
"ނޫސްވެރިޔާ ރިޟްވާން ވަގަށް ނަގައި، ވަރަށް އަނިޔާވެރިކޮށް މަރާލާފައި ވަނީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ކަމަށް ރިޔާސީ ކޮމިޝަންގެ ތަޙުޤީޤުން ހާމަވެފައިވާ އިރު، މިއީ އެންމެހާ ނޫސްވެރިންނާއި އާންމު ރައްޔިތުން ހިމެނޭ ގޮތުން މުޅި މުޖުތަމަޢަށް އޮތް ނުރައްކަލަކާއި، ބިރުވެރިކަމެއް ކަމަށް މި ކައުންސިލުން ދެކެމެވެ. ހަމަ އެހެންމެ، ދުރާލާ ރާވައިގެން ރިޟްވާން މަރާލި މަރާލުމަކީ މުޅި މީޑިއާއަށް ދިން އުދުވާނީ ހަމަލާއެއް ކަމުގައިވެސް މީޑިއާ ކައުންސިލުން ދެކެމެވެ. އެހެންކަމުން މީޑިއާއަށް ދެވޭ މިފަދަ ހީލަތްތެރި ހަމަލާތަކާ މެދު މީޑިއާ ކައުންސިލުން އިންތިހާއަށް ކަންބޮޑުވާ ހާލު، މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މީޑިއާ ކައުންސިލްގެ ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި މިނިވަން މީޑިއާގެ ވެއްޓެއް ގާއިމްކޮށް މީޑިއާއަށް ހުރި ހުރަސްތައް ނައްތާލުމުގެ ޒިންމާ އަދާކުރާ މުއައްސަސާއެއްގެ ހައިސިއްޔަތުން އެ ކައުންސިލުން ދެކެނީ، މިއީ ރާއްޖޭގެ މީޑިއާގެ ކުރިމަގާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ކުރިމަތިވި ބިރުވެރި ނުރައްކާތެރި ކަމެއްގެ ގޮތުގައި ކަމަށެވެ. އަދި ރިޟްވާންގެ އާއިލާއިން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުގައި އާދޭސްކުރަމުން ދިޔައިރު ވެސް، މުއައްސަސާތަކުން ކަމުގެ ހަގީގަތް އެނގިތިބެ އެކަން ސިއްރުކޮށް ކަމުގެ އަސްލު އޮޅުވާލަން މަސައްކަތް ކުރުމަކީ މުޅި އާއިލާއަށް ލިބުނު އިތުރު ހިތްދަތިކަމެއް ކަމުގައި ދެކޭ ކަމުގައި ބުނެފައިވެއެވެ.
"މީގެ އިތުރަށް، ރިޟްވާން ރަހީނުކޮށް މަރާލުމުގެ އަނިޔާވެރި ހާދިސާ ހިނގުމުގައި ދައުލަތުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކުން އިހުމާލުވެފައިވާ ކަމަށް ރިޕޯޓުން ފާހަގަވެފައި ވާތީ، އެކަމަކީ މި ކައުންސިލުން އިންތިހާއަށް ލަދުގަންނަ އަދި ކަންބޮޑުވާ ކަމެއް ކަމުގައިވެސް ދަންނަވަމެވެ. މި ކައުންސިލުން ގޮވާލަނީ، ނޫސްވެރިޔާ ރިޟްވާންގެ އާއިލާއަށް އިންސާފު ހޯދައިދިނުމާއި ހައްދުފަހަނައަޅާފައިވާ މިފަދަ ޖަރީމާތައް ތަކުރާރުވިޔަ ނުދިނުމަށް، އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ލަސްކުރުމެއް ނެތި، އަޅާނެކަމުގެ ޔަގީންކަން ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކުން ރައްޔިތުންނަށް ދިނުމެވެ. އަދި މި އަނިޔާވެރި އަމަލު ހިންގުމުގައި ބައިވެރިވާ އެންމެހާ ފަރާތްތަކާއި، އިހުމާލުވެފައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށް ދައުލަތުގެ އެންމެހާ އިދާރާތަކަށް މި ކައުންސިލުން ގޮވާލަމެވެ." އެ ކައުންސިލުން ބުނެފައިވެއެވެ.
މި ފުރުސަތުގައި މި ކައުންސިލުން ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ކުރިމަތިވާ އެންމެހާ ހުރަސްތައް ނައްތާލުމަށް ސީރިއަސް މަސައްކަތްތަކެއް ކަމާބެހޭ މުއައްސަސާތަކުން ކުރުމަށް ގޮވާލާ ކަމަށާއި އަދި ނޫސްވެރިންނާއި މީޑިއާ ސްޓޭޝަންތަކަށް ދޭ އެކި އިންޒާރުތައް ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި ތަޙުޤީޤުކޮށް އަދި ނޫސްވެރިންގެ މަސައްކަތަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް އެ ކައުންސިލުން އިލްތިމާސް ކުރާކަމުގައިވެސް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
"ހަމަ އެހެންމެ ނޫސްވެރިންގެ ރައްކާތެރިކަމަށާއި، މިނިވަން މީޑިއާގެ ވެއްޓެއް ގާއިމުކުރުމަށް އަދި ނޫސްވެރިންގެ މަސައްކަތަށް ހުރި ހުރަސްތައް ނައްތާލުމަށް މި ކައުންސިލުން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއް ނެތި ކުރަމުންދާނެ ކަމުގެ ޔަގީންކަންވެސް އަރުވަމެވެ. އަދި ރިޟްވާންގެ އާއިލާއަށް އިންސާފު ހޯދައިދިނުމަށް ކުރެވޭ މަސައްކަތަށް ހުރަސްއެޅޭނެ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުނުކުރުމަށާއި، މިކަމާ ގުޅޭ ޚަބަރާއި މައުލޫމާތުތައް ފެތުރުމުގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށް ގޮވާލަމެވެ." މީޑިއާ ކައުންސިލްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ މި ހިތްދަތި ވަގުތުގައި ރިޟްވާންގެ މަންމައާއި ބައްޕަ އަދި އާއިލާއަށް ކެތްތެރިކަން ދެއްވައި، ރިޟްވާނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި މާތްﷲ ގެ ޙަޟުރަތުގައި ދުޢާ ދަންނަވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް