ވީނުވިއެއް ނޭނގި ގެއްލިފައިވާ ރިލްވާންގެ މައްސަލައާއި ގުޅިގެން، ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއާ ބައްދަލު ކުރަން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެދިވަޑައިގެންފިއެވެ.
މިއަދު ވަނީ ހޯމް މިނިސްޓަރާއި، ސީޕީ ހަމީދު، ރިލްވާންގެ އާއިލާއާއި ބައްދަލުވެސް ކުރައްވާފައެވެ. އަދި މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއާ ބައްދަލު ކުރަން މިޖިލީހަށް މިހާރު ވަނީ ރަސްމީކޮށް އެެދިވަޑައިގެންފައެވެ.
ރިލްވާންގެ މައްސަލައާއި ގުޅިގެން، މަރުތަކާއި ގެއްލޭ މީހުނާއި ބެހޭ ރިޔާސީ ކޮމިޓީން ތަހުގީގުކޮށް، މިހާރު ވަނީ ރިޕޯޓެއް އެކުލަވާލާފައެވެ. އަދި ތަހުގީގުގެ މައުލޫމާތުތައް ހާމަ ކުރުމަށް ރައީސް އޮފީހުގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަން ރައީސް ހުސްނު ސުއޫދު ވިދާޅުވީ ރިލްވާންގެ މަރުގެ މައްސަލައިގެ ފެށުމަކީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ފިކުރުގެ ޖަމާއަތްތަކަކާއި ރާއްޖޭގައި އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް ދީނީ މިނިވަންކަން ފެތުރުމަށް މަސައްކަތް ކުރާ "މިނިވަން" ފިކުރުގެ ބަޔަކާ ދެމެދު ހިނގި މައްސަލަތަކެއް ކަމަށެވެ.
ރިލްވާން މިހާރު ވަނީ މަރާލާފައި ކަމަށާއި، އޭނާ މަރާލީ ވަގަށް ނަގައިގެން ގެންގޮސް، ޑިންގީ އަކަށް އަރުވައިގެން ކަނޑުމައްޗަށް ގެންގޮސް، އަދި ކަނޑު ބޯޓަކަށް އަރުވާ، އޭނާގެ ބޯ ބުރުކޮށްލައިގެން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި އޭގެ އިތުރުން، ރިލްވާން މަރާލުމަށްފަހު ކަނޑު ފައްތާފައިވާ ކަމަށާއި، އެކަން ކުރި މީހުންވެސް މިހާރު އެނގިފައިވާކަމަށް ސުއުދު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް