ހޮނޑައިދޫން ހައްޔަރުކުރީ ކުށެއް ކޮށްގެން ނޫން ކަމަށް ޖާބިރު ވިދާޅުވެއްޖެ

2012 ވަނަ އަހަރު ޖާބިރު އާއި، އޭރު ހެންވޭރު ދެކުނު ދާއިރާގެ މެންބަރަކަށް ހުންނެވި ޙާމިދު އަބްދުލްޣައްފޫރާއި، ކުރީގެ މިނިސްޓަރ އިބްރާހިމް ހުސެއިން ޒަކީ އާއި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން އިބްރާހިމް...

04 Sep 2019 | 05:31

2012 ވަނަ އަހަރު ޖާބިރު އާއި، އޭރު ހެންވޭރު ދެކުނު ދާއިރާގެ މެންބަރަކަށް ހުންނެވި ޙާމިދު އަބްދުލްޣައްފޫރާއި، ކުރީގެ މިނިސްޓަރ އިބްރާހިމް ހުސެއިން ޒަކީ އާއި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން އިބްރާހިމް ޒުހައިރު އާއި އަދިވެސް ބައެއް އެހެން މީހުން ހައްޔަރުކުރީ ކުށެއްކޮށްގެން ނޫންކަމަށް ޖާބިރު ވިދާޅުވެއްޖެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނުނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކާއި ގުޅޭ ގޮތުން މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު ވިދާޅުވީ އެމީހުން ހައްޔަރުކުރީ ކުށެއްކޮށްގެން ނޫންކަމަށެވެ.

ޖާބިރު އިތުރަށް ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ކުރީގެ ރައީސް، ޑރ.މުހައްމަދު ވަހީދު ހަސަންމަނިކު ހައްޔަރުކުރަން ޖެހޭކަމަށެވެ.

"އަޅުގަނޑު މިއަދު ހުރިހާ ފަރާތްތަކަށް މަޢާފް ކޮށްފިން. ފުލުހުންނަށާއި ސިފައިންނަށް ވެސް މަޢާފްކޮށްފިން. ނަމަވެސް އެކަމާއި އަޅުގަނޑާއި އަދިވެސް މައްސަލަ އެބައޮތް. އެއީ ވަހީދު. ވަހީދު ޖަލަށް ލާން ޖެހޭނެ." ޖާބިރު ވިދާޅުވިއެވެ.

އެދުވަހު ޖާބިރާއި، ދައުލަތުގެ އިއްޒަތްތެރިން ހައްޔަރުކުރިއިރު އެއްވެސްް ވަރަކަށް އިންސާނީ ކަރާމާތަށް ބަލާފައި ނުވާކަމަށާއި، އަދި "ދަމާކޫއްތާފައި ވަހީދު ހުރިތަނަކުން ގެނެސް ޖަލަށް ލާނަން" ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ހޮނޑައިދޫއިން ޖާބިރާއި، އަދި އެހެނިހެން ދައުލަތުގެ އިއްޒަތްތެރިން ހައްޔަރުކުރީ 2012 ވަނަ އަހަރުގެ ނޮވެމްބަރ 16 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައެވެ. އެ މައްސަލައިގައި ޖާބިރު ހައްޔަރުކޮށް ދައުވާ އުފުލީ ޔޫރިން ދޭން ދެކޮޅު ހެދުމުންނެވެ. އެމައްސަލައިގައި ޖާބިރުގެ މައްޗަށް އެއް އަހަރުގެ ޖަލު ޙުކުމެއް ވެސް އައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް