އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅާއެވެ. ތިޔައީ މަންމަ އާއި ބައްޕަގެ ދެލޮލުގެ ނޫރެވެ. ހިތުގެ ހަމަޖެހުމެވެ. މަންމައާއި ބައްޕަގެ ލޯބީގެ ނިޝާނެވެ. ދުނިޔޭގައި އުޅުނުކަމުގެ ހެއްކެވެ.
ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅަށް މަންމަ ބަނޑުބޮޑުވި ހިސާބުން މަންމައާއި ބައްޕަގެ ހިތުގައި ޚާއްސަ ޖާގައެއް ދަރިފުޅަށް ދެވުނެވެ. އެދުވަހުންސުރެ މިއަދާހަމައަށްވެސް މަންމައާއި ބައްޕަގެ ހެޔޮދުޢާވަނީ ދަރިފުޅާއެކުއެވެ. ދަރިފުޅަށް އުނދަގުލެއް، ދަތިކަމެއްނެތް ޙަޔާތެއް ހޯދާދިނުމަށް މަންމައާއި ބައްޕަ ގުރުބާނެވެ.
އިނގޭހެއްޔެވެ؟ ދަރިފުޅު ނިދާފަ އޮންނައިރުވެސް ދަރިފުޅުގެ މޫނަށް ބެލެއެވެ. ދުވާލަކު އެތަށް ހާސް ފަހަރަކު ﷲ އަށް ޝުކުރުކުރެވެއެވެ. ތިޔަ އަމާނާތަށްޓަކައެވެ.
ދޫންޏާއެވެ. ތިޔައީ މަންމައާއި ބައްޕަގެ މުޅި ހަޔާތެވެ. މަންމައާއި ބައްޕަގެ ފުރާނައެވެ. މީހެއްގެ އެސްފީނާއެއް، ހަސަދައެއް ޖެހުމަށް ނޭދެމެވެ. ކުޑަނަމަވެސް ވޭނެއްގައި އުޅޭތަން ދެކެން ނޭދެމެވެ. އަލިފާން ކަންޏެއްވެސް ޖެހިލުމަށް ނޭދެމެވެ. ތަނެއްގައި ޖެހި ކޫރެއް އެޅުމަށްވެސް ނޭދެމެވެ. ތިޔަ މައުސޫމު ލޮލުން ކަރުނައެއް އަންނަ ތަން ދެކޭކަށް ނޭދެމެވެ.
އެދެނީ ވަރަށް ބަސްއަހާ، ކިޔަމަންތެރި ދަރިއަކަށްވުމެވެ. ކިޔެވުމަށް ލޯބިކުރާ، މޮޅެތި ނަތީޖާ ހޯދާ ކުއްޖަކަށްވުމެވެ. ދީނަށް ލޯބިކުރާ، ޞާލިހް ދަރިޔަކަށްވުމެވެ. މަންމައާއި ބައްޕައަށް ހެޔޮދުޢާކޮށް ދޭނެ ދަރިއަކަށް ވުމެވެ. ދެދުނިޔޭގައިވެސް މަންމައާއި ބައްޕައާއި އެކުވުމެވެ. ވަރަށް ލޯބިވަމެވެ. އިންތިހާއަށް ލޯބިވަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް