އިނގިރޭސިވިލާތުގައި ހަމަ އެކަނި "ޖަންކް ފުޑް" ކައިގެން އުޅުނު ފިރިހެން ކުއްޖެއްގެ ލޮލުގެ ފެނުން ގެއްލިއްޖެއެވެ.
އެ ކުއްޖާ ހަމަ އެކަނި ކައި އުޅުނީ ފްރެންޗް ފްރައިސް އާއި ޕްރިންގަލްސް ޗިޕްސް އެވެ. މީގެ އިތުރުން ކޮންމެވެސް ވަރަކަށް ޕާން ކާ ކަމަށް ބުނެފައިވެއެވެ.
މި ކުއްޖާގެ ވާހަކަ ގެނެސްފައިވަނީ އެނެލްސް އޮފް އިންޓާނަލް މެޑިސިންގެ އިއްޔެގެ އަދަދުގައި ކޭސް ސްޓަޑީއެއްގެ ގޮތުގައެވެ.
މި ކުއްޖާ އެތައް އަހަރެއް ވަންދެން ކަމުން ގޮސްފައިވަނީ ހަމައެކަނި ޖަންކްފުޑްކަން އެ ކޭސް ސްޓަޑީގައި ފާހަގަކޮށްފައިވެއެވެ.
އެ ކުއްޖާގެ އުމުރުން މިހާރު 17 އަހަރުވެފައިވާއިރު އުމުރުން 14 އަހަރުގައި ވަރުބަލިވާތީ ޑޮކްޓަރަށް ދެއްކި ކަމަށާއި އަދި އޭރު އެ ކުއްޖާއަށް އެނީމިއާ ޖެހިފައިވާކަމަށާއި ވިޓަމިން ބީ12 މަދުކަން އާއިލާއަށް އަންގައި ވިޓަމިން ބީ12 ގެ އިންޖެކްޝަން ޖެހުމަށް އާއިލާއަށް އަންގައި ކެއުމަށް ބަދަލު ގެނައުމަށްވެސް އާއިލާއަށް އެންގިކަމަށް ބުނެފައިވެއެވެ.
އެހެން ނަމަވެސް އެ ކުއްޖާގެ ކެއުމަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އޭގެ ތިން އަހަރު ފަހުން މި އަހަރު އޭނާގެ ލޮލުގެ ފެނުން އެއްކޮށް ގެއްލިފައިވާކަންވެސް އެ ކޭސް ސްޓަޑީގައި ފާހަގަކޮށްފައިވެއެވެ.
ޑަކުޓަރުން ފާހަގަކޮށްފައިވާގޮތުގައި އޭނާގެ ލޮލުގެ ފެނުން ގެއްލެން މެދުވެރިވި އެންމެ ބޮޑު އެއް ސަބަބީ ހަށިގަނޑަށް ބޭނުންވާ ވިޓަމިންސް އަދި މިނެރަލްސް ރަނގަޅަށް ލިބޭ ގޮތް ނުވުމެވެ. ހަމަ އެކަނި ފްރެންޗް ފްރައިސް އާއި ޗިޕްސް އިން އެ ފައިދާތައް ނުލިބޭނެ ކަމެވެ.
މި ކުއްޖާގެ ލޮލުގެ ފެނުން ގެއްލުމުގެ އިތުރުން އޭނާގެ ކަށިތަކުން މިނެރަލްސް އެކުގައިގެން ހުސްވެފައިވާކަމުގައިވެސް މި ކުއްޖާގެ ކޭސް ސްޓަޑީ ހެދި ޑޮކްޓަރުންގެ ޓީމުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް