''ކިހިނެތް ވެގެންތަ ތިޔަ އުޅެނީ.....ހަމަޖެހިގެން ނިދާލެވެންވެސްނޯވޭ .....މިދެން ކިހާވަރުގަދަ ކަމެއް....'' ކުރުގެޅިލުމަށްފަހު ރަޖާގަނޑު ރަނގަޅުކޮށްލަމުން ނާޒިމާ ލޯމަރާލީ ރުޅިވެރިކަމާ ފޫހިކަން މޫނުމައްޗަށް ވެރިކުރުވަމުންނެވެ.
''ޒާރާ ހަބަރު ހުސްވެފަ އޮތީ.. ހިނގާބަލަ އެމަންޖެ ގޮވައިގެން ހޮސްޕިޓަލަށްދާން....'' ކުރެހިފައިވާ އަޑަކުން ހާމިދަށް ބުނެވުނީ އާދޭހުގެ ރާގުގައެވެ.
''ޒާރާ ... ޒާރާ..... އެ ނޫން ނަމެއް ކަލެއަށް ކިޔަން ނޭނގެނީތަ.... ވެއްޓި ހަބަރު ހުސްވެފަ އޮތިއްޔާ ފެންއަޅާބަލަ،.... ކޮން ގަނޑެއް ގަންނަން ހަދައިގެންތަ ވެއްޓުނީ .......'' ވަގުތާއި ހާލަތުގެ ނާޒުކުކަން ނާޒިމާ އަށް ވިސްނައިދޭނެ ގޮތެއް ހާމިދަކަށް ނުވިސްނުނެވެ.
އިތުރުއެއްޗެކޭ ބުނެވޭވަރެއް ނުވިއެވެ. ޒައިދު ދޮރުގައި ތަޅައިގަތް އަޑަށް ހާމިދު ހަލުވިކަމާއެކު ގޮސް ދޮރުހުޅުވާލިއެވެ. އަވަސް އަރުވާލާފައި ހުރިވަރުން އެއްޗިހި ބަދަލުކުރަންވެސް ހާމިދު ހަނދާނެއް ނެތެވެ.
''މަންމަ ނުދަނީތަ...އެހެންވިއްޔާ އަހަރެމެން ދާންހިނގާ... މާ ލަސްކުރެވޭކަށް ނެތް...'' ނާޒިމާގެ މިޒާޖު ޒައިދަށް ރަނގަޅަށް އެނގެއެވެ. މިފަދަ ނާޒުކު ދަނޑިވަޅުގައިވެސް ޒާރާގެ ކަމެއްވީމާ ނާޒިމާ އޮތްތަނުން ހިއްލާވެސް ނުލީތީ ހާމިދު ހިތާހިތުން އޭނާގެ އަންހެނުންނަށް ކުދި ކިޔަމުން ހިތުގައިވާ ހުޅުގަނޑަށް ފިނިކަމެއް ގެނައުމަށް މަސައްކަތް ކުރިއެވެ. ހިތުގައި ލަކުނު ލެވިފައިވާ ޒަޚަމްތަކުން ލޭ ނީރާލުމުގެ ކުރިން ޖަޒުބާތުގެ މައްޗަށް ބާރުފޯރުވާލީ ކެތްތެރިކަމާ އެކުގައެވެ.
ޒާރާގެ މައުސޫމް މޫނަށް ނަޒަރު ހުއްޓާލައިގެން އިން ހާމިދަށް ހޭވެރިކަންވީ، އެމްބިއުލާންސްގެ ސައިރަންގެ އަޑު ކެނޑުމުންނެވެ. އެތެރޭގައި ތިބި ދެ ނަރުހުން އަވަސްވެގަތީ ޒާރާ އެތެރެއަށް ވެއްދުމަށެވެ. ގަމު ރީޖަނަލް ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގެ ދޮރުން ޒާރާ އޮތް އެނދު އެތެރެވުމާއެކު ދޮރު ލެއްޕުނެވެ. ޒައިދަށް ވަންނާނެ ފުރުސަތު ލިބުނު ނަމަވެސް ނަރުހުން އެންގީ ހާމިދު ބޭރުގައި މަޑުކުރުމަށެވެ. ދެލޯފަދަ ލޯބިވާ ދަރިފުޅު ޑޮކްޓަރުންގެ އަތްމައްޗަށް ދޫކޮށްލުމަށްފަހު ގިސްލާ ރޮއިގަނެވުނީ ހިތަށް ލިބުނު ބަޔާންކުރަންދަތި ކެކުޅުމެއްގެ ސަބަބުންނެވެ. ހިތާހިތުން ﷲ އަށް ދުޢާ ދެނެނެވުމުގައި ހާމިދު ސިކުންތުތައް ގުނަންފެށިއެވެ. އިމަޖެންސީ ރޫމުގެ ދޮރުކައިރީގައި ދެކޮޅަށް ހިނގަމުންނެވެ. އިރު އިރުކޮޅާ ދޮރުގައިވާ ހަނި ބިއްލޫރިކޮޅުން އެތެރެ ބަލާލައެވެ.
ބައިގަޑިއިރު ވީއެވެ. އަދިވެސް ޒައިދުވެސް ނިކުތީކީނޫނެވެ. ހާމިދު އެތައް ފަހަރަކު ޒައިދުގެ ފޯނަށް ގުޅައިފިއެވެ. ޒައިދު ފޯނެއް ނުނެގިއެވެ. ކިތައްމެ ހާސްވެ ކަންބޮޑުވިޔަސް ހާމިދަކީ ހިތުގެ ބަލި މީހެއްކަން އޭނާ ހިނދުކޮޅަކަށްވެސް ހަނދާން ނައްތައެއް ނުލައެވެ. އޭނާ ކެތްކުރާނެއެވެ. އޭނާއަށް މަޖުބޫރެވެ. ދިރިހުންނަށް ބޭނުމެވެ. ދަރިންނަށް ޓަކައެވެ. ހާއްސަކޮށް ޒާރާ އަށް ޓަކައެވެ. ޒާރާގެ ހަޔާތަށް އޭނާ ބަލަހައްޓާ ހިމާޔަތްދޭނެ މީހަކު އަންނަންދެނެވެ. ޒަރާގެ ކައިވެނި ކުރެވެންދެނެވެ. ނާޒިމާގެ ވަކިތަކުން ޒާރާ ސަލާމަތް ވަންދެނެވެ.
އިމަޖެންސީ ރޫމުގެ ދޮރު ހުޅުވުނެވެ. ޒައިދު އަތުގައި ބޭސް ސިޓީއެއް އޮތެވެ. އޭނާގެ މޫނުގައިވާ މާޔޫސްކަން ފެނުމުން ހާމިދުގެ ހިތް ބާރަށް ތެޅެން ފެށިއެވެ.
''ދަރިފުޅާ.... ކިހިނެއްމިހާރު...'' ޒައިދުގެ ކޮނޑުގައި ހިފަހައްޓާލަމުން ހާމިދު ސުވާލުކޮށްލިއެވެ. ޒައިދަށް އޭނާގެ ބައްޕަ އެހާ ދެރަވެފައި ހުއްޓާ ފެނިފައެއް ނުވެއެވެ. އެ ދެލޯވަނީ ކަރުނައިން ފުރިފައެވެ. މޫނު މިލާ މޯޅިވެފައެވެ. އެފަދަ ހިތްދަތިކަމެއް އެ ބައްޕައަށް ލިބޭކަށް ޒައިދަކަށް ކެތެއް ނުކުރެވޭނެއެވެ.
''ބައްޕާ ... ދެން ކަންބޮޑުނުވޭ....ދޮންތަ މިހާރު ހޭ އަރައިފި.. ޑޮކްޓރު ބުނީ ނެތޯ މާބޮޑު ގެއްލުމެއް ވެފައެއް...ނިދާ އިންޖެކްޝަން ޖަހާފަ މިވަގުތު އޮތީ... އަންނާނަން ބޭސް ނަގައިގެން... ބައްޕަ ދެން މިތާ އިށީނދެލާ...'' ހާމިދުގެ ގަޔާކައިރިކޮށްލައިގެން ގޮސް ގޮނޑިބަރީގައި ބައިންދަމުން އޭނާ ބައްޕަގެ ހިތްހަމަ ޖައްސައިދިނެވެ.
ގަޑީގެ ކަށި ބުރުޖަހަމުންގޮސް ހަތަރުގަޑި އިރު ފާއިތު ވެއްޖެއެވެ. ގަޑިން ފަތިހު ފަހެއް ޖެހީއެވެ. ފަތިހުގެ ފިނިކަން ޖައްވުގައި ވަނީ ވަކިހިއްޕާލާފައެވެ. ނަމާދުކުރާބައިން ނިކުމެގެން ހާމިދު ހިނގަމުންދިޔައީ އިމަޖެންސީ ރޫމާ ދިމާލަށެވެ. އެތަނުން ހާމިދަށް އެނގުނީ ޒާރާ ވޯޑަށް ބަދަލުކުރިކަމެވެ. އެވަގުތު ﷲ އަށް ހަމްދު ކުރެވުނެވެ. ހިތަށް ލިބުނު ހަމަޖެހުމުގައި ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު ޒައިދަށް ގުޅާލިއެވެ. ޒާރާ އޮތީ ޢާއްމު ބަލިމީހުންގެ ވޯޑުގައެވެ. ދަރިފުޅު ދެކިލާހިތުން ކެތްމަދުވެފަވާ ހާލު، ވޯޑަށް ދިއުމަށް ހިނގަތީ ފޯނު ޖީބަށްލަމުންނެވެ.
ޒާރާގެ ބޮލުގައި ވަނީ ބެންޑޭޖް އޮޅާފައެވެ. ގުޅާފައިވާ ދެފުޅިން ފޮދުވަރުތައް ހަށިގަނޑުގެ ތެރެއަށް ފޮނުވަމުން ދެއެވެ. އެ މޫނުމަތީގައި ވަނީ ހިތްދަތިކަމާ ހިތާމައާއި މާޔޫސްކަމެވެ. ދެލޯވަނީ ދުޅަވެފައެވެ. ލޯ މަރާލައިގެން އޮތްނަމަވެސް އެސްފިޔަތައް ވަނީ ކަރުނައިން ތެމިފައެވެ. ބައްޕަ އިށީނުމަށް ގޮޑި ކައިރި ކޮށްލުމަށްފަހު ޒައިދު އަތުން އިޝާރާތް ކޮށްލިއެވެ. ހާމިދު މަޑުމަޑުން ޒާރާގެ ގާތުގައި އިށީދެލިއެވެ. ދަރިފުޅަށްޓަކައި އުފެދިފައިވާ ކުލުނާ އޯގާތެރިކަމުން ބައްޕައެއްގެ ހިތް ފުރި ބަންޑުންވަނީއެވެ. އޭނާއަށް ޒާރާގެ އަތުގައި ހިފާލުމާއެކު ރޮވިއްޖެއެވެ.
''ދަރިފުޅާ..'' ބެދިފައިވާ އަޑަކުން ހާމަދަށް ގޮވާލެވުނެވެ. ޒާރާގެ ލޯ ހުޅުވާލެވުނު ހިނދު ލޮލަށް ޖަމާވެ، ފައިބައިގަންނަން ގަދަހަދަމުންދިޔަ ކަރުތައް އޭގެ ޖާގަ ދޫކޮށްލުމަށްފަހު މިނިވަންކަމާއެކު ދެކޯތާފަތްމަތިން އޮހޮރިގަތެވެ. ދެބަފައިންގެ ގިސްލުމުގެ އަޑު ހިނދެއް ހިނދަކަށް ގަދަވާންފެށިއެވެ.
''ދޮންތައަށް ކާއެއްޗެއް ގެންނަން ދާންވީނު ބައްޕަ...'' ޒައިދަށް ވިސްނުނު އެންމެ ރަނގަޅުގޮތް ކަމުގައިވީ މިވަގުތު ބައްޕަ އެތަނުން ދިއުމެވެ.
''ކޯއްޗެއް ގެންނާނީ....'' ހާމިދު ހަމަޖެހިލުމަށް މަސައްކަތް ކުރަމުން އަހާލިއެވެ.
''ކުރުނބާ ރަނގަޅުވާނެ.. ދެން ފަހުން އެހެން އެއްޗެއް ގެންނާނީ ދޯ ދޮންތާ.....'' ޒާރާ ދެލޯ ފޮހެލަމުން ބޯޖަހާލިއެވެ. ބަސްއަހާ ކުޑަކުއްޖެއް ފަދައިންނެވެ.
ބައްޕަ ދިއުމުން ޒައިދު ގޮނޑީގައި އިށީނދެލިއެވެ. ރޭގެ ހާދިސާއާ ބެހޭގޮތުން ވާހަކަ ދައްކާލަން އޭނާ ހުރީ ނުހަނު ބޭނުންވެފައެވެ. އޭނާގެ ހިތުގައި އެތައްބައިވަރު ސުވާލުތަކެއް ވަނީ އުފެދިފައެވެ. ޒާރާ ވެއްޓެން ދިމާވި ގޮތެވެ. މާޖަހާ ގުލްދަސްތާ ތަޅައިގެން ދިޔައީ ކީއްވެކަމެވެ. ޒާރާ ދެލޯމަރާލައިގެން އޮތްނަމަވެސް އޭނާ އެއޮތީ ނިދާފައި ނޫންކަން ޒައިދަށް ޔަގީނެވެ. އެ މޫނުގައިވާ މާޔޫންކަމުގެ ސިއްރަކީ ކޮބައިބާވައެވެ. އާދިލް އާ ދެމީހުން މައްސަލަޖެހުނީ ބާވައެވެ. ނޫނީ މަންމަ އެއްޗިހިކީ ނޫންބާވައެވެ. އެވަރަށް ބުނީމަވެސް މަންމަ ހޮސްޕިޓަލަށް ނައީ އެކަމާ މަންމައާ ގުޅުމެއް އޮތީމަކަމަށް ޒައިދަށް ގަބޫލު ކުރެވުނެވެ.
''ދޮންތާ.....'' ޒައިދު ގޮވާލުމުން ޒާރާ ބަލާލީ ޒައިދުގެ މޫނަށެވެ. ޒައިދު އަހަން އުޅެނީ ކީކޭކަން ޒާރާއަށް އެނގޭކަހައެވެ.
''ދޮންތާ.... ރޭގައި..ކިހިނެއްވީ... މަންމަ އެއްޗެކޭ...'' ޒައިދަށް ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ. ޒާރާގެ އަތުގެ އިޝާރާތުން ވާހަކަ ހުއްޓާލަން އެންގީމައެވެ. ރޭގެ ހާދިސާ ހިނގާދިޔައީ ކިހިނެއް ކޮން ސަބަބަކާހުރެކަން ޒައިދަށް ނޭނގުނަސް ޒާރާގެ ހިތްވަނީ އެ ހާދިސާގެ ސަބަބުން ކުދިކުދި ވެފައެވެ. ޒާރާގެ ހާލަށްވުރެ އާދިލްގެ ހާލު ދެރަކަމެއް ޒައިދަކަށް ނޭނގޭނެއެވެ. އެކަން އެނގެނީ ޒާރާ އަށެވެ. އެވާހަކަ އެހެންމީހެއްގެ ގާތުގައި ބުނުމަކަށްވެސް ޒާރާ އަށް ހިތަވަރު ކުރެވިދާނެހެނެއް އޭނާއަކަށް ހިޔެއް ނުވެއެވެ.
ޒާރާ އަނެއްކާވެސް ލޯމަރާލިއެވެ. ސިނކުނޑީގައި އެނބުރެމުންދަނީ އާދިލްގެ ހިޔާލެވެ. އޭނާ އޮންނާނެ ހާލެވެ. އޭނާ ހޭއަރައިފި ބާވައެވެ. ނޫނީ އޭނާ މަރާ ހަނގުރާމަ ކުރަނީ ނޫންބާވައެވެ.........ޒާރާގެ ޚިޔާލީ ސްކްރީނުން މަންޒަރު ސިފަވިއެވެ. އާދިލްގެ ހަށިގަނޑަށް ގުޅާފައިވާ މެޝިނުން ތުނޑުތުނޑަށް އަރަމުންދިޔަ ރޮނގު ސީދާ ރޮނގަކަށް ބަދަލުވިއެވެ. ކުއްލި ހަރަކާތެއް އައުމަށްފަހު އާދިލްގެ ހަށިގަނޑު ހަމަހިމޭންވިއެވެ. ދިގުދެމިގެންދިޔަބީޕް އަޑުން މުޅި އައިސީޔޫ ގުގުމާލިއެވެ. ޑޮކްޓަރުން ބޯހޫރާލީ މާޔޫސްކަމާއެކުގައެވެ. ހަށިގަނޑުގެ އެތައްމިތަނަށް ގުޅާފައިވާ ހޮޅިތައް ނައްޓާލީ ގާތުގައި ތިބި ނަރުސްކުދިންނެވެ. ގައިމަތީގައި އަޅާފައިވާ ހުދުފޮތިގަނޑުން އާދިލްގެ މޫނާއެކު ހަށިގަނޑު ނިވާކޮށްލެވުނެވެ. އާދިލް މަރުވީއެވެ..
''ނޫން....'' ޒާރާއަށް ބޭ އިޚްތިޔާރުގައި ބުނެވުނެވެ. އަނގައިން އަޑު ނިކުތުމާއެކު ލޯ ހުޅުވާލެވެ. ޒައިދު އިނީ އޭނާގެ މޫނަށް ބަލާށެވެ.
އެޑިޓަރުގެ ނޯޓު: މި ވާހަކައިގެ17 ވަނަ އެޕިސޯޑު ގެނެސްދިނުމަށްފަހު18 ވަނަ އެޕިސޯޑު ގެެނެސްދިނުމުގައި ގިނަ ދުވަސްތަކެއް ވެގެންދިޔަކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ދުވަސް ނޫހުގެ ފަރާތުން އަދި ލިޔުންތެރިޔާގެ ފަރާތުން މައާފަށް އެދެމެވެ. ބާކީ ހުރި ބައިތައް، ގެނެސްދޭން ޖެހޭ ތަރުތީބުން ގެނެސްދެވޭނެ ކަމުގެ ޔަގީންކަން ލިޔުންތެރިޔާ އަރުވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް