ބޭންކް އޮފް މޯލްޑިވްސް ގެ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރ. އަލިފުށީގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ ގާއިމްކޮށްފިއެވެ.
ބޭންކުން ބުނެފައިވާގޮތުގައި މި ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.
ބީއެމްއެލް އިން އަލިފުށީގައި ގާއިމް ކުރެވުނު މި ޚިދުމަތާއެކު ރ.އަތޮޅުގައި މިހާރު ދެ ބްރާންޗް މެދުވެރިކޮށް ބޭންކިންގ ޚިދުމަތް ދަނީ ދެވެމުންނެވެ. މީގެ އިތުރުން ސެލްފް ސަރވިސް ބޭންކިންގ ދެ ސެންޓަރާއި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމްކޮށްފައިވާ ކޭޝް އޭޖެންޓް މެދުވެރިކޮށް ދަނީ ބޭންކިންގ ޚިދުމަތް ދެމުންނެވެ. އަދި ހަމައެހެންމެ މިދިޔަ އަހަރު، ހުޅުދުއްފާރުގައި ބީއެމްއެލް ކޭޝް އޭޖެންޓް މެދުވެރިކޮށް ޖަމާކުރުމުގެ ޚިދުމަތްވެސް ވަނީ ތައާރަފު ކޮށްފައެވެ. މި ޚިދުމަތާއެކު ކްރެޑިޓް ކާޑަށް ފައިސާ ދެއްކުމާއި، ލޯނަށް ފައިސާ ދެއްކުމުގެ އިތުރުން ދުވާލަކަށް 10،000 ރުފިޔާ ޖަމާކުރުމުގެ ކުރެވޭނެއެވެ.
މި ޚިދުމަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ " މި ހުޅުވުނު ޒަމާނީ ސެލްފްސަރވިސް ބޭންކިންގ ސެންޓަރު މެދުވެރިކޮށް އަލިފުށީގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދެވޭ ކަމީ އަޅުގަަނޑުމެނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއީ މުޅި ރާއްޖެ އަށް އަމާޒުކޮށް ބޭންކިންގ ޚިދުމަތް ފުޅާކޮށް، ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ ގޮތް ހެދުމަށް ބޭންކުން ފަށާފައިވާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއް."
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 46 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 108 އޭޓީއެމް، 5400 ޕީއޯއެސް މަރޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް