އިސްލާމްދީން، ހައްދުފަނައަޅާދިއުން އަދި ޓެރަރިޒަމާއި ބެހޭ ގޮތުން ޚާއްސަ ލެކްޗާއެއް އިސްލާމިކް ޔުނިވަރސިޓީން ބާއްވައިފިއެވެ.
އެ ޔުނިވާރސިޓީގައި ރޭގަ ބޭއްވި ލެކްޗާ ނަންގަވާ ދެއްވީ އިނގިރޭސިވިލާތުގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. އެންތޮނީ އަބްދުލް ހައްގު ބޭކާ އެވެ. އޭނާ ވަނީ ހައްދުފަހަނައަޅާ ދިއުމާއި ޓެރަރިޒާމާއި ބެހޭގޮތުން ގިނަ ދިރާސާތައް ކޮށްފައެވެ. އަދި ހައްދުފަހަނައަޅާދާ މީހުން އަނބުރާ މުޖްތަމައުއަށް ގެނައުމުގައި މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ.
ރޭގެ ލެކްޗާގައި ޑރ. އެންތޮނީ އަބްދުލް ހައްގު ބޭކާ ވަނީ ޒުވާނުން ހައްދުފަހަނައަޅާ ދިއުމަށް މެދުވެރިވާ ސަބަބުތަކުގެ މައްޗަށް ވާހަކަ ދައްކާފައެވެ. އިސްލާމް ދީނުގެ ރަނގަޅު މައުލޫމާތު ނުލިބުމަކީ އޭގެ އެއް ސަބަބު ކަމަށާއި އިސްލާމްދީނާއި ގުޅޭ މަޢުލޫމާތު އިތުބާރުކުރެވޭ މަސްދަރުތަކުން ހޯދުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
ޒުވާނުން ޓެރަރިޒަމްގެ ހަރަކާތްތަކުގައި ބައިވެރިކުރުމަށް ހިތްވަރުދޭ މީހުން ބޭނުންކުރަމުންދަނީ އެއްމެ ފަހުގެ ޓެކްނޮލަޖީ އާއި ވަސީލަތްތައް ކަމަށާއި އެހެންކަމުން މިކަންކަމަށް ފާރަވެރިވުމަކީ މުހިއްމުކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އާންމުކޮށް ހުޅުވާލައިގެން ބޭއްވި މި ލެކްޗަރ އަށް 235 ފަރާތުކުން ހާޒިރުވިއެވެ.
މީގެ އިތުރުން އިސްލާމިކް ޔުނިވަރސިޓީން ވަނީ ޒުވާނުންނަށް ޚާއްސަކޮށްގެން އިސްލާމް ދީނާއި ސުލްހަވެރިކަމާއި ބެހޭ ގޮތުން ފޯރަމެއް ވެސް އިއްޔެ ބާއްވާފައެވެ. ޒުވާނުންނަށް ޚާއްސަކޮށްގެން ބޭއްވި މި ފޯރަމްގައި ޑރ. އެންތޮނީ އަބްދުލް ހައްގު ބޭކާގެ އިތުރުން ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އާއި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަންގެ ފަރާތުން ޚާއްސަ ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ފޯރަމްގައި 35 ފަރާތުން ބައިވެރިވެއެވެ.
ޑރ. އެންތޮނީ އަބްދުލް ހައްގު ބޭކާ އަކީ މީގެ 29 އަހަރު ކުރިން 1990 ގައި އިސްލާމް ދީނުގެ ހިދާޔަތު ލިބި އިސްލާމްދީނުގެ އިލްމު ފެތުރުމަށް މަސައްކަތް ކުރާ ފަރާތެކެވެ. އޭނާގެ ޕީއެޗްޑީ ތީސީސްވެސް ބިނާ ވެފައިވަނީ އިނގިރޭސި ވިލާތުގައި އަލަށް އިސްލާމްދީން ގަބޫލުކުރާ މީހުން ހައްދުފަހަނައަޅައި ދިއުމަށް މަގުފަހިވާ ކަންކަމުގެ މައްޗަށެވެ.
ދީނާއި ގުޅޭ ދިރާސީ މައުލޫމާތު ފެތުރުމުގެ ގޮތުން އިސްލާމިކް ޔުނިވަރސިޓީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިސްލާމީ ޔުނިވަރސިޓީން ބާއްވާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗްއަލް އެޑްވާންސްމެންޓް (އައި.ސީ.އައި.އޭ) ކޮންފަރެންސް މިމަހު 31 އިން ސެޕްޓެމްބަރ އެކަކަށް އޮންނާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް