ގަން އިންޓަނޭޝަނަލް އެއަރޕޯޓުގައި ޑޮކިއުމަންޓު އެކްޒަމިނޭޝަން ލެބެއް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ޤާއިމް ކޮށްފިއެވެ.
އިމިގްރޭޝަނުން މައުލޫމާތުދެއްވާގޮތުގައި މިއީ ދިވެހިރާއްޖެއަށް އެތެރެވެ އަދި ބޭރުވުމަށް ބޭނުންކުރާ ދޮރާށިތަކަކީ ސަލާމަތީގޮތުން ރައްކާތެރި ތަންތަނަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގާއިމް ކުރެވުނު ލެބެކެވެ.
މި ލެބް އިފްތިތާޙު ކޮށްދެއްވީ މިކަމަށްޓަކައި ގަން އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި، އައްޑޫ ސިޓީގެ މޭޔަރ އަލްފާޟިލް އަބްދުﷲ ޞާދިގެވެ. އަދި މި ރަސްމިއްޔާތުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަނާއި، މޯލްޑިވްސް އިމިގްރޭޝަނުގެ ބައެއް އިސްވެރިންގެ އިތުރުން، އައްޑޫ ސިޓީގެ އެންފޯސްމަންޓް އިދާރާތަކުގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އިމިގްރޭޝަނުން މައުލޫމާތުދެއްވާގޮތުގައި ޑޮކިއުމެންޓު އެގްޒެމިނޭޝަން ލެބެއް ހުޅުވުމުގެ ބޭނުމަކީ ޕާސްޕޯޓު ފަދަ ޝަހުސު އަންގައިދޭ އަދި ސަލާމަތީ ރައްކާތެރިކަމާއި ގުޅުންހުރި ލިޔެކިޔުންތައް ތަހުލީލުކޮށް، އެތަކެތި ބޭނުން ކުރަނީ ސައްޙަ ގޮތުގައިތޯ ޔަގީން ކުރުމުގައި ޒަމާނީ ޓެކްލޮނޮޖީގެ ބޭނުން ކުރުމެވެ.
"ގަން އިންޓަނޭޝަނަލް އެއަރޕޯޓުގައި ޤާއިމް ކުރެވިގެން މިދިޔަ ޑޮކިއުމަންޓް އެގްޒަމިނޭޝަން ލެބަކީ މި އެއަރޕޯޓުން އެތެރެވާ އަދި ބޭރުވާ ފަރާތްތަކުގެ ތެރެއިން ސައްޚަނޫން ޕާސްޕޯރޓު ބޭނުން ކުރާ ފަރާތްތައް ފަސޭހައިން ދެނެގަތުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ. " އިމިގްރޭޝަނުން ބުނެފައިވެއެވެ.
ގަން އިންޓަނޭޝަނަލް އެއަރޕޯޓުގައި އިފްތިތާހު މި ކުރެވުނު ޑޮކިއުމަންޓު އެގްޒެމިނޭޝަން ލެބަކީ މޯލްޑިވްސް އިމިގްރޭޝަނުން ރާއްޖޭގައި ޤާއިމް ކުރާ މިފަދަ ދެވަނަ ލެބެވެ. މިފަދަ ލެބެއް އެންމެ ފުރަތަމަ ޤާއިމް ކޮށްފައިވަނީ 2015 ވަނަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައެވެ. މިލެބު ތަކުގައި ބޭނުން ކުރާ އެންމެ މުހިންމު އާލާތް ކަމުގައިވާ "ޑޮކިއުމަންޓް ވެރިފަޔާ" އަކީ އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯރ މައިގްރޭޝަނުން ހަދިޔާ ކޮށްފައިވާ ތަކެއްޗެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް