އަލަށް އެކުލަވައިލި "ލީޑީން ޓީޗަރުންގެ ޒިންމާ ހަވާލު ކުރުމުގެ އުސޫލު" އާންމު ކުރުމާ ގުޅިގެން ބައެއް ލީޑިން ޓީޗަރުން ފާޅު ކުރެއްވި ކަންބޮޑުވުމާ މިހާރު އެބޭފުޅުން ދައްކަވާ ވާހަކައާ ދިމާ ނުވާކަން ހާމަވެއްޖެއެވެ.
2019 ޖުލައި 25 ވަނަ ދުވަހު މިހާރު ނޫހުގައި "ލީޑިން ޓީޗަރުންގެ މަގާމު އުވައި ލުމުން ކަންބޮޑުވުން ފާޅު ކުރަނީ" މި ސުރުޚީގެ ދަށުން ލިޔެފައިވާ ރިޕޯޓުގައި ލީޑިން ޓީޗަރުންނަށް ހަވާލާ ދެއްވައި ލިޔެފައިވަނީ، ހައިސިއްޔަތެއްނެތި ޒިންމާ އުފުލަން ލީޑިން ޓީޗަރުން ބޭނުން ނުވާ ކަމަށެވެ. "ޓީޗަރެއްގެ މަގާމުގައި ހުރެ، ޑެޕިއުޓީ ޕްރިންސިޕަލަކަށް ލިބޭ މުސާރައެއް ލިބުނަސް އެ ޒިންމާތައް އަދާކުރާކަށް ބޭނުމެއް ނުވާނެ. މީގައި ހައިސިއްޔަތު މުހިއްމު ވަނީ. މުސާރައެއް ނޫން،" އެފަރާތުގެ ކަންބޮޑު ވުމަކީ މިއީ ކަމަށް މިހާރު ނޫހުގައި ލިޔެފައިވެއެވެ. (https://mihaaru.com/news/58693)
ކުރީން ދެއްކި ވާހައިގެ އިތުރުން، އިތުރު ދެ ކަމެއް ލީޑީން ޓީޗަރުން މިފަހަކަށް އައިސް ފާހަގަ ކުރެއެވެ. އެއް ކަމަކީ، ލީޑިން ޓީޗަރުންނަށް ދެވިފައިވާ ހައިސިއްޔަތު އުވާލާ އެމީހުންގެ ބުރަ މަސައްކަތުގެ ހަމައެކަނި އަގަކީ 1000 ރުފިޔާ ކަމަށް ވާތީ އެކަން ބަލައި ނުގަންނަކަން ހާމަކޮށް ދައްކާ ވާހަކައެވެ. ނަމަވެސް ކުރީން ލީޓިން ޓީޗަރުން މިހާރު ނޫހަށް ދީފައިވާ މައުލޫމާތުގައި ބުނެފައިވަނީ ކަންބޮޑުވުމަކީ 1000 ރުފިޔާ ނޫން ކަމަށާއި ކަންބޮޑުވުމަކީ، ހައިސިއްޔަތު ނެތި ޒިންމާ އަދާކުރަން ޖެހޭތީ ކަމަށެވެ. އެހެން ކަމުން ކުރިން ދެއްކި ވާހަކައާއި މިވާހަކަ ދެކޮޅު ނުޖެހޭކަން ފާހަގަ ކުރެވެއެވެ. ދެވަނަ ކަމަކަށް ކުށްވެރި ކުރަނީ ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނެވެ. ލީޑީން ޓީޗަރުންގެ ޝަކުވާއަކީ، އުސޫލާ އެއްގޮތަށް އަމަލު ނުކުރާ ސްކޫލުތައް ނުވަތަ ސްކޫލުތަކާމެދު އެ އުސޫލާ އެއްގޮތަށް އަމަލު ކުރުމަށް އަންގަން ޖެހޭނެ ކަމަށާއި އެގޮތަށް އަމަލު ނުކުރާ ސްކޫލުތަކާމެދު ފިޔަވަޅު ނޭޅީތީ ޕްރިންސިޕަލުން ބަދުނާމުކޮށް ކުރާ ޝަކުވާއެވެ. ލީޑިން ޓީޗަރުންގެ މިވާހަކައަށް ޓީޗަރުން އެއްބަހެއް ނުވެއެވެ. ބައެއް ޓީޗަރުން ބުނަނީ އެމީހުންގެ ތެރެއިން ބައެއް މީހުން ދެމިތިބީ ސިޔާސީ ނުފޫޒުގެ ބާރުގައާއި ބައެއް ޕްރިންސިޕަލުންނަށް "ބިރު ދައްކައިގެން" ކަމަށެވެ.
ލީޑީން ޓީޗަރުންގެ ޒިންމާ ހަވާލު ކުރުމުގެ އުސޫލާބެހޭ ގޮތުން، އެޑިޔުކޭޝަން މިނިސްޓްރީން މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ނެރުއްވި ބަޔާނުގައިވަނީ، ލީޑިން ޓީޗަރުންނާގުޅޭ ގޮތުން ނިންމި ނިންމުކަކީ، ސްކޫލުތަކުގެ ކިޔަވައި ދިނުމުގެ މިންގަނޑު އިތުރަށް ހަރުދަނާ ކުރުމަށް ގެންނެވި ހެޔޮ ބަދަލެއް ކަމަށެވެ. އަދި މިގޮތަށް ނިންމަވައިފައިވަނީ، ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި އެޑިޔުކޭޝަން މިނިސްޓްރީއާ ގުޅުން ހުރި ހުރިހައި ފަރާތްތަކަކާއި، ސީއެސްސީއާ ވެސް މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް އެބަޔާނުގައިވެއެވެ.
މިނޫހާ ވާހަކަ ދެއްކެވި ޓީޗަރަކު ބުނުއްވީ ހައިސިއްޔަތަކީ ކޮބައިކަން ލީޑިން ޓީޗަރުންނަށް ވަރަށް ބޮޑަށް އޮޅިފައިވާ ކަމަށެވެ. ދިވެހިބަހުގެ ރަދީފުގައި ހައިސިއްޔަތު ކަމަށް ބުނެފައިވަނީ، މަގާމު، ދަރަޖަ، ނިސްބަތްވާ ގޮތަށެވެ. "ބައެއް ލީޑިން ޓީޗަރުންނަށް ހީވަނީ އެއީ، މަގާމެކޭ. މަގާމު ނެތިއްޔާ ހައިސިއްޔަތެއް ނެތޭ. އެކަމަކު މަސްއޫލިއްޔަތެއް ނުވަތަ ޒިންމާއެއް ހަވާލު ކުރީމާ އެ ދެވުނީ ހައިސިއްޔަތެއް. ގާނޫނީ ނަޒަރަކުން ބެލި ނަމަވެސް މިކަން އޮންނާނީ މިހެން." އޭނާ ކިޔައި ދެއްވިއެވެ. މިސާލެއްގެ ގޮތަށް އޭނާ ދެއްކެވީ ޓީޗަރުންގެ ސަލާމް ފޯމުގައި ލީޑީން ޓީޗަރުން ސޮއި ކުރެއްވުމެވެ. ޓީޗަރުންނަށް އިތުރުގަޑި ލިބެނީ އެމީހުން ސޮއި ކުރެއްވިއްޔާއެވެ. "ދެން ކިހާވަރެއްވީމާތޯ ހައިސިއްޔަތަކީ. އޭގައި ސޮއިކޮށްގެން އެއިން މީހަކު ކުށްވެރިވިތޯ؟ ދެން ކޮބައިތޯ އެވިދާޅުވާ ހައިސިއްޔަތު ނެތުމަކީ." އޭނާ ކިޔައި ދެއްވިއެވެ.
ނަން ހާމަ ކުރުމަށް އުޟުރުވެރިވެ މައުލޫމާތު ދެއްވި ޓީޗަރަކު ކިޔައިދިން ގޮތުގައި ލީޑިން ޓީޗަރުންނަށް މައްސަލައަކަށް ވެގެން އުޅެނީ އުސޫލެއް ނޫންނެވެ. އެމީހުންގެ ކަން ބޮޑުވުމަކީ ސްޓާރފު ރޫމަށް ޓީޗަރުންގެ ތެރެއަށް އަންނަން ޖެހުމުން ހައިބަތު ގެއްލެނީ ކަމަށް ދެކުމެވެ. އަނެއް ކަންބޮޑުވުމަކީ، އެމީހުން ކަންކަން ކޮށްފައިވާ ގޮތުން ޓީޗަރުގެ ގޮތުގައި މިހާރު ހުރި ފަރާތެއް ލީޑީން ޓީޗަރެއްގެ މަސްއޫލިއްޔަތާ ހަވާލުވެއްޖެނަމަ ބަދަލު ހިފާފާނެތީ ބިރުގަތުމެވެ. ދެން ހަމައެއާއެކު ބައެއް ލީޑީން ޓީޗަރުންނަކީ ގިނަ އަހަރު ތަކެއް ވަންދެން ކުލާހަށް ނުވަދެ ތިބި މީހުންނަށް ވާތީ އެކަން ބޮޑުވުން ވެސް އެމީހުންގެ އެބަ އޮތް ކަމަށް ލީޑިން ޓީޗަރަކު ކިޔައި ދިން ކަމަށް މިނޫހަށް މައުލޫމާތު ހިއްސާ ކުރި ޓީޗަރު ކިޔައި ދެއްވިއެވެ.
ލީޑީން ޓީޗަރުންގެ ޒިންމާ ހަވާލު ކުރުމުގެ އުސޫލާ ގުޅިގެން ބައެއް ލީޑިން ޓީޗަރުންގެ ކަންބޮޑުވުންތައް ހުރި ނަމަވެސް ބައެއް ލީޑީން ޓީޗަރުން ދެކެނީ އެ އުސޫލުގައި ލީޑީން ޓީޗަރުން ކަންބޮޑުވާންޖެހޭނެ ފަދަ ކަންތައްތަކެއް ނެތް ކަމަށެވެ. މިހާރު އެ ކަންބޮޑުވުންތައް ފާޅު ކުރައްވާތީ އޭނާ ސުވާލު އުފައްދަވައެވެ. "ނިކަން ބައްލަވާ. މިހާރު ލީޑިން ޓީޗަރުންގެ ގޮތުގައި ތިއްބެވި ގިނަ މުވައްޒަފުންނަކީ ވެސް، ޓެނުއަރގައި ތިއްބެވި ފަރާތްތައް. 2014 ގެ ފަހުން ލީޑީން ޓީޗަރުގެ ގޮތުގައި ހަމަޖައްސާ ފަރާތްތަކަކީ މަގާމެއް ނޫން. އެއީ ދެ އަހަރުގެ ޓެނުއަރ އެއް. އެކަން އެފަރާތްކަށްވެސް ހަމަ ރަނގަޅަށް އެނގޭނެ. 2015 އިން ފެށިގެން މިހާތަނަށް އެތިއްބެވީ ހައިސިއްޔަތެއް ނެތި ނޫންތޯ އެ މަސްއޫލިއްޔަތު އުފުލަން. ދެން މިހާރު ކީއްވެތޯ އެވާހަކަ އެ ދައްކަވަނީ." ލީޑީން ޓީޗަރުންގެ ކަންބޮޑުވުންތަކާ ދެކޮޅު ހައްދަވަމުން މައުލޫމާތު ހިއްސާ ކުރެއްވި ލީޑިން ޓީޗަރު ކިޔައި ދެއްވިއެވެ. އޭނާ އިތުރަށް ބުނުއްވީ މި އުސޫލުގެ ސަބަބުން އަލަށް ކުރިމަގަށް ފަހިކަން ފެންނަ ކަމަށެވެ. "ލީޑިން ޓީޗަރެއްގެ މަސްއޫލިއްޔަތު އަދާ ކުރީމަ ޕްރިންސިޕަލުންގެ ޝަރުތު ހަމަވޭ. ޑެޕިއުޓީއެއްގެ ޝަރުތު ހަމަވޭ. އެހެންވީމާ މިދާއިރާއަށް އަލަން ނުކުންނަ ތައުލީމީ ދަރިން ކުރިޔަށް ދިއުމަށް ފަހި ފުރުޞަތެއް ނޫންތޯ މިހުޅުވެނީ. މިފަދަ ދާއިރާ ތަކުގައި ގެންގުޅޭ ބެސްޓް ޕްރެކްޓިސް އަކީވެސް މިއީ ނޫންތޯ. އަނެއް ކޮޅުން މި އުސޫލުގެ ސަބަބުން މިހާރު ތިއްބެވި ލީޑިން ޓީޗަރުންނަށް ކޮން ގެއްލުމެއްތޯ ވަނީ. ކޮންމެ ބޭފުޅެއްގެވެސް ވަޒީފާ އެބަ ކަށަވަރު ވޭ ނޫންތޯ؟ ދެން ކޮން އެއްޗެއްތޯ ގެއްލިގެން މިއުޅެނީ." އޭނާގެ ޚިޔާލު ފާޅު ކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް