ފުލުހުންނަށް ނުކިޔަމަންތެރިކަން ދެއްކި މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ވިދާޅުވީ، ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މިމަހުގެ ހަތް ވަނަ ދުވަހު ޑްރަގް ކޯޓަށް ހާޒިރުކުރުމަށް ކޮށްފައިވާ ކޯޓު އަމުރަކާއި ގުޅިގެން 31 އަހަރުގެ ދިވެހި ފިރިހިނެއް މިމަހުގެ ތިން ވަނަ ދުވަހު ހިންނަވަރު ކޯޓަށް ހާޒިރުކުރުމުން ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކާފައިވާ ކަމަށެވެ. އެމީހާ ނުކިޔަމަންތެރިކަން ދައްކަން ފެށުމުން ބިޑި އަޅުވަން އުޅުމުގެ ތެރޭގައި އޭނާގެ އަތައް އަނިޔާ ވެފައި ވާކަމަށާއި، އޭނާގެ އަތަށް ތަދުވާކަމަށް ބުނުމުން ފުލުހުންގެ ބެލުމުގެ ދަށުގައި އެމީހާ ޑޮކްޓަރަށް ގެންދެވުނު ކަމަށެވެ.
ޑޮކްޓަރަށް ދެއްކުމުން، އެމީހާގެ އަތުގައި ފްރެކްޗަރ އެއް ހުރިކަމަށް ޑޮކްޓަރު މައުލޫމާތު ދީފައި ވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުން އޭނާ އަށް ލިބެންޖެހޭ ބޭސްފަރުވާ ކޮށްދިނުމަށްފަހު، ގޭ ބަންދަށް ބަދަލުކޮށްފައި ވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ފުލުހުންގެ ތެރޭގައި އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން، ބާރުގެ ބޭނުންހިފާ ކޮންމެ ހާލަތެއްގައި "ޔޫސް އޮފް ރިވިއު ކޮމިޓީ" އިން އެކަންކަން ދިރާސާކޮށް ބެލުމަށްފަހު ފިޔަވަޅު އަޅަންޖެހޭ ހާލަތެއްގައި ފިޔަވަޅު އަޅާނެ ކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް