އުގެއިލް ފައުންޑޭޝަނުން ބާއްވާ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) މޯލްޑިވްސް 2019 ގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖެހިއްޖެއެވެ.
އުރީދޫ އިން ބުނީ، މި ޕާޓްނަރޝިޕްގެ ދަށުން، އޮގަސްޓް 26 އިން 28 ގެ ނިޔަލަށް އއ. އުކުޅަހުގައި ކުރިއަށްދާ މި އިންޓަނޭޝަނަލް ވޯކްޝޮޕް އޮފް އެޕްލައިޑް އާޓިފިޝަލް އިންޓެލިޖެންސް 2019، ސްކީމާ 2019 އަދި އުކުޅަސް ޓެކް ފެއާގެ ޓައިޓަލް ސްޕޮންސަރ އަކަށް އުރީދޫ ހަމަޖެހިފައި ވާކަމުގައެވެ.
އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޙާން ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސަކީ ކުރިމަގުގެ ޑިޖިޓަލް ދުނިޔޭގައި، މިހާތަނަށް ފެނިފައިނުވާ ފަދަ ފުރުސަތުތަކާއި، އިޖްތިމާއީ އަދި އިޤްތިސާދީ ކުރިއެރުން ފަހި ކޮށްދޭނެ ޓެކްނޮލޮޖީއެއް ކަމުގައެވެ.
" އޭ.އައި މޯލްޑިވްސް ފަދަ ޕްލެޓްފޯމުތަކުގެ ސަބަބުން ޑިޖިޓަލް ގައުމެއް ބިނާކުރުމުގައި އޭ.އައި ޓެކްނޮލޮޖީގެ މުހިއްމު ދައުރާއިމެދު ހޭލުންތެރިކަން އިތުރުކޮށް، އޭ.އައި ހިމެނޭ އީޖާދީ ޚިދުމަތްތައް ބިނާ ކުރުމަށް ދިވެހި ޒުވާނުންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ." ނަޖީބް ޚާން ވިދާޅުވިއެވެ.
ޕްރޮފެސަރ އުގެއިލް ވިދާޅުވީ، ދުނިޔޭގެ އެކި ހިސާބުތަކުން ސަތޭކަ އަށް ވުރެ ގިނަ ސައިންޓިސްޓުން ބައިވެރިވާ އޭ.އައި އަށް އުރީދޫގެ އެހީތެރިކަމާއި އެއްބާރުލުން ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި، މިއީ ރާއްޖޭގައި ފަހުގެ ޓެކްނޮލޮޖީތައް ތައާރަފްކޮށް، އާލާކުރުމަށް އެކުންފުނިންދޭ އަހަމިއްޔަތު އެނގިގެންދާ ކަމެއް ކަމުގައެވެ.
އޭ.އައި މޯލްޑިވްސް މަހާސިންތާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ އެޕްލައިޑް އާޓިފިޝަލް އިންޓެލިޖެންސްގެ މާހިރުންނާއި އެދާއިރާގައި މަސައްކަތް ކުރާ ބޭފުޅުން ބައިވެރިވެ، މި މުހިންމު ދާއިރާގެ ފަހުގެ ކުރިއެރުންތަކާއި ބެހޭގޮތުން މަޝްވަރާކޮށް، މައުލޫމާތު ހިއްސާކުރާނެއެވެ. މި މަހާސިންތާ އަކީ 2019ގެ އައި.އީ.އީ.އީ ސްޕޮންސަރ ކޮށްފައިވާ އިންޓަނޭޝަނަލް ކޮންފަރަންސް އޮން ސޮފްޓްވެއާ، ނޮލެޖް، އިންފޮމޭޝަން މެނޭޖްމަންޓް އަދި އެޕްލިކޭޝަންސް ނުވަތަ ސްކީމާ 2019ގެ ބަޔެކެވެ.
މި އިންޓަނޭޝަނަލް ކޮންފަރެންސް އަދި މަހާސިންތާ ކުރިއަށްދާއިރު، އުކުޅަހުގައި ޓެކް ފެއާ އެއްވެސް ކުރިއަށްދާނެ ކަމަށް އުރީދޫން ބުންޏެވެ. މި ޓެކް ފެއާގައި ދިވެހި މުއައްސަސާތަކާއި، ވިޔަފާރިތަކުގެ އިތުރުން ޓެކްނޮލޮޖީ ދާއިރާ އަށް އަހުލުވެރި އަމިއްލަ ފަރާތްތަކުގެ އީޖާދުތަކާއި، އައު އުފެއްދުންތައް ދައްކާލެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް