ރެއާލްގެ ތަރި ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވަނީ؟

ރެއާލް މެޑްރިޑްގެ ތަރި ކުރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވާން އެއްބަސް ވެފައިވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފިއެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަށް ފަހު، ރޮނާލްޑޯ އެހެން ކުލަބަކަށް ބަދަލު...

04 Jul 2018 | 14:15

ރެއާލް މެޑްރިޑްގެ ތަރި ކުރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވާން އެއްބަސް ވެފައިވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަށް ފަހު، ރޮނާލްޑޯ އެހެން ކުލަބަކަށް ބަދަލުވާން އުޅޭކަމުގެ ވާހަކަތައް ފެށުނުއިރު، މި ޓްރާންސްފާ މާކެޓްގައި އޭނާ ބަދަލުވާނީ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑަށް ކަމަށް ވެސް ވަރަށް ބޮޑަށް ވާހަކަ ދެކެވުނެވެ.

އެހެނަސް، ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވުމުގެ ހުއްދަ ރެއާލް މެޑްރިޑުން ދޭން ނިންމާފައިވާކަމަށް މީގެ ދެތިން ދުވަސް ކުރިން އަޑު ފެތުރުނުއިރު، މިއަދު މީޑިޔާތަކުން ވަނީ ރޮނާލްޑޯ ވެސް ޔުވެންޓަސްގެ ހުށަހެޅުން ގަބޫލު ކޮށްފައިވާކަމަށް ރިޕޯޓް ކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ރެއާލްގެ ރައީސްއާ މައްސަލަ ޖެހި، ރޮނާލްޑޯ އެހެން ކްލަކަށް ބަދަލުވާން ބޭނުން ވުމުން، އެކަމަށް މަގު ފަހިކުރުމަށް ރެއާލް އިން އޭނާގެ ކޮންޓްރެކްޓް ބާތިލް ކުރެވޭ އަގު 100 މިލިޔަން ޔޫރޯއަށް ކުޑަކޮށްފައިވާއިރު، ޔުވެންޓަސްއިން ވަނީ އެ އަދަދު ދެއްކުމަށް ތައްޔާރުވެފައެވެ. އަދި އުމުރުން 33 އަހަރުގެ ރޮނާލްޑޯއަށް ޔުވެންޓަސްއިން 4 އަހަރު ދުވަހުގެ އެއްބަސްވުމަކާއެކު، އަހަރަކު 30 މިލިޔަން ޔޫރޯގެ މުސާރައެއް ދޭން އެއްބަސްވެފައި ވާކަމަށް ވެސް އޯ ޖޯޖޯ ނޫހުން މިއަދު ބުނެފައިވެއެވެ.

ރެއާލްގެ އެންމެ މުހިންމު ކުޅުންތެރިޔާ އެހެން ކުލަބަކަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް ގަދަވެފައިވާއިރު، ރެއާލް އިން ރޮނާލްޑޯގެ ބަދަލުގައި އެމްބާޕޭ ގެންނަން އުޅޭކަމަށް ވެސް މިއަދު އަޑުތައް ފެތުރުނެވެ. އެހެނަސް، ރެއާލް މެޑްރިޑުން ވަނީ ރަސްމީކޮށް އެ ވާހަކަތައް ދޮގު ކޮށްފައެވެ. އަދި މީގެ ދެ ތިން ދުވަސް ކުރިން ނޭމާ ގެންނަން ރެއާލްއިން ބިޑްކުރިކަމަށް ދެކެވުނު ވާހަކަތައް ވެސް އެ ކްލަބުން ދޮގު ކޮށްފައިވެއެވެ.

އެހެންކަމުން، ރޮނާލްޑޯގެ ޓްރާންސްފާއާ ބެހޭގޮތުން ދެކެވޭ ވާހަކަތަކަށް ރެއާލް އިން އެއްޗެއް ނުބުނެ ހަނު އޮތުމަކީ ވެސް އޭނާ އެހެން ކުލަބަކަށް ބަދަލުވުން ވަރަށް ގާތްކަމަށް ބާރުދޭ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް