މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓުގައި ވޯޓުލުގެ ހައްގު ލިބިގެންވާ މީހުންގެ ފޮޓޯ ނުޖަހަން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިފަހަރުގެ އިންތިހާބުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ ވޯޓާސް ލިސްޓަކީ ފޮޓޯ ނުޖަހާ ލިސްޓެއް ކަމަށެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު ބާއްވާ އިންތިހާބުތަކުގައި އާންމު ކުރަމުންދަނީ އަދި ވޯޓު ލާ މަރުކަޒު ކައިރީ ހިއްޕާފައި ހުންނަނީވެސް ފޮޓޯ ޖެހި ވޯޓާސް ލިސްޓެކެވެ.
އީސީގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ އެގޮތަށް ނިންމީ ވޯޓާސް ލިސްޓުގައި ފޮޓޯ ޖަހާތީ ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހުން ފާޅު ކުރާތީ ކަމަށެވެ. އެގޮތުން މޫނު ބުރުގާ އަޅާ މީހުންގެ މޫނު ބުރުގާ ނާޅާ ފޮޓޯ ޖަހަން ޖެހުމާއި ބައެއް ފަރާތްތަކުން ބުރުގާ ނާޅާ ހުރިއިރު ނަގާފައި ހުރި ފޮޓޯ އާންމު ކުރެވޭތީ ޝަކުވާ ލިބިފައި އެބަ ހުރި ކަމަށެވެ.
އޭނާ ވިދާޅުވީ ފޮޓޯ ނުޖެހި ނަމަވެސް ވޯޓާސް ލިސްޓުގައި ހިމަނަން ގާނޫނުގައި ބުނެފައިވާ ހުރިހާ މައުލޫމާތެއް ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި އުފަން ތާރީހާއި، އައިޑީކާޑު ނަމްބަރުގެ އިތުރުން ގޭގެ އެޑްރެހާއި ރަށް ހިމެނޭނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ލިބުނު ޝަކުވާތައް އިސްލާހު ކުރުމަށް ފަހު މިމަހުގެ އެއް ވަނަ ދުވަހު ވަނީ އިސްލާހު ތަކާއި އެކު ލިސްޓު އާންމުކޮށްފައި އެވެ. އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު އީސީން ބުނީ އޭގެ ފަހުން ވޯޓާސް ލިސްޓަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް