އިންތިހާބުތަކާއި ބެހޭ ގާނޫނަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހެޅުއްވި އިސްލާހުތައް އިތުރަށް ވަރުގަދަކޮށް ފާސްކޮށްފި އެވެ.
ނިހާން މަޖިލީހަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ރާއްޖޭގެ އިތުރުން އެހެން ގައުމެއްގެ ރަށްވެހިކަން ހޯދާފައިވާ މީހަކު ބޭރުގެ ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރު ފަހުން ނޫނީ ރިޔާސީ އިންތިހާބަށް ކުރިމަތިނުލެވޭ ނެ ކަމަށެވެ. އެކަމަކު މި ބިލު ދިރާސާ ކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ އަޣުލަބިއްޔަތުން ނިންމީ ރަށްވެހިކަން ހޯދައިގެން އުޅޭ މީހުންގެ އިތުރުން ބޭރު ގައުމަކުން ހިމާޔަތް ހޯދަގެން އުޅޭ މީހުން ހިމާޔަތް ދޫކޮށްލާތާ 10 އަހަރު ފަހުން ނޫނީ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ހެދުމަށެވެ.
މި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވި 34 މެމްބަރުންގެ އިއްތިފާގުންނެވެ. ޖަލްސާގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިއެއް ނުވެ އެވެ.
ގާނޫނީ އަދަދު ހަމަނުވުމުން ދެ ފަހަރު މަތިން ލަސްކުރުމަށްފަހު މިއަދުގެ ޖަލްސާގައި މި އިސްލާހު ފާސްކުރި އިރު ވޯޓަށް އަހާފައި ވަނީ އެ އަދަދަށް މެންބަރުން ހަމަ ނުވިޔަސް ވޯޓަށް އެހޭގޮތަށް ފާސްކުރުމަށް ފަހު އެވެ. އެގޮތަށް ފާސްކޮށްފައި ވަނީ 31 މެންބަރުންގެ ވޯޓުންނެވެ.
ނިހާން ވިދާޅުވި ގޮތުގައި އިސްލާހު ހުށަހެޅީ ބޭރު ގައުމެއްގެ ނުފޫޒުން ރާއްޖެ އެއްކިބާ ކުރުމަށާއި ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް ކޮންމެހެން ގެންނަން ޖެހޭ އިސްލާހަކަށް ވާތީ ކަމަށެވެ.
ފުރަތަމަ މި އިސްލާހު މަޖިލީހަށް ހުށަހެޅުމާއި އެކު އިނގިރޭވިލާތުގެ ރައްޔިތުކަން ހޯދައިގެން ހުންނެވި ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވީ މި އިސްލާހަކީ ސީދާ އޭނާއަށް ޓާގެޓު ކުރައްވާ ހުށަހެޅި އިސްލާހެއް ކަމަށެވެ. އަދި އޭނާ ސަރުކާރާއި ދެކޮޅަށް ހިޔާލު ފާޅު ކުރައްވަނީ އެއްވެސް ހާލެއްގައި ވެރިކަމަށް ކުރިމަތިލާން ނޫން ކަމަށް ވިދާޅުވި އެވެ.
މިހާރު މި އިސްލާހު ފާސްކޮށްފައިވާ ގޮތުން ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވާ ޕްރޮފެސަރު އުގައިލްގެ އިތުރުން ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލިފައިވާ އިދިކޮޅު ލީޑަރުންގެ ތެރޭގައި ޖޭޕީގެ ބާނީ ގާސިމް އިބްރާހިމް، ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ހިމެނިވަޑައިގެންނަވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް