މަހުލޫފު ވަރަށް ތައްޔާރުވި، އެކަމަކު މިއަދު އިއްވީ ހުލާސާ ބަޔާން އެކަނި

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާގެ ހުލާސާ ބަޔާން އިއްވުމަށް ފަހު ޝަރީއަތް ނި...

04 Jul 2018 | 09:05

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާގެ ހުލާސާ ބަޔާން އިއްވުމަށް ފަހު ޝަރީއަތް ނިންމާލައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑު އެހުމަކީ މަހުލޫފުގެ މައްޗަށް އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ ހުކުމް ކުރާނެ އަޑުއެހުމެއް ކަމަށް އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ. އަދި މަހުލޫފު ވަނީ އޭނާ ޖަލަށް ލާން ހުކުމް ކުރާނެ ކަމަށް ބުނެ ޖަލަށް ގެންދާނެ ހެދުމާއި އެއްޗިހިވެސް ތައްޔާރުކޮށްފައި އެވެ.

މިއަދުގެ އަޑު އެހުމުގައި ގާޒީ ވިދާޅުވީ މިއަދުގެ އަޑުއެހުމަކީ ހަމައެކަނި ހުލާސާ ބަޔާން އިއްވުމަށް ބާއްވާ އަޑުއެހުމެއް ކަމަށެވެ. އަދި މައްސަލަ ސާބިތުވާ ނަމަ ހުކުމް ކުރާނީ ދެން އޮންނަ އަޑު އެހުމެއްގައި ކަމަށް ވިދާޅުވި އެވެ. އެކަމަކު ހުކުމް ކުރާ އަޑު އެހުން އޮންނާނެ ދުވަހެއް މިއަދުގެ ޝަރީއތަުގެ މަޖިލީހުގައި ހާމައެއް ނުކުރައްވަ އެވެ.

މަހުލޫފުގެ މައްޗަށް މި ދައުވާ ދައުލަތުން އުފުލީ މާފުށީ ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި އެކަށީގެންވާ ފަރުވާއެއް ނުދީ ގައިދީން މަރާލަނީ ކަމަށް ވިދާޅުވެ ކުރައްވާފައިވާ ޓްވީޓަކާއި ގުޅިގެންނެވެ. ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް ހަތަރު މަހާއި 10 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މަހުލޫފްގެ މައްޗަށް ވަނީ އިތުރު ދައުވާތަކެއް ވެސް ކޮށްފަ އެވެ. އެއީ މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާ އާއި މުޒާހަރާއެއްގައި ބައިވެރިންނަށް މާސްކް ބެހި މައްސަލާގައި، ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދައުވާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް