ސުޕްރީމް ކޯޓުގެ ޗެމްބަރު ފަނޑިޔާރަކަށް އެ ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ހަމަޖައްސައިފިއެވެ.
ސުޕްރީމް ކޯޓުން ބުނީ އެ މަގާމަށް ފަނޑިޔާރު އާދަމް ހަމަޖެއްސެވީ އިއްޔެއިން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތައް ކަމަށެވެ. މިގޮތަށް ހަމަޖެއްސީ އެކޯޓުގެ ގަވާއިދުގެ 89 ވަނަ މާއްދާގެ ދަށުން ނެވެ.
އެ މާއްދާގައި އޮންނަ ގޮތުން ޗެމްބަރު ފަނޑިޔާރަކީ އެ ކޯޓުގައި ހިނގާ މައްސަލަތަކުގައި ހިމެނޭ ވަކީލުންގެ ޗުއްޓީގެ ކަންކަން ބެލެހެއްޓުމާއި ވަކީލު ނުވަތަ ބަދަލުގައި ހިމެނޭ ފަރާތް ބަދަލުކުރަން ނުވަތަ އެފަދަ ފަރާތެއް މައްސަލައިން ތަނާޒުލްވާން ހުށަހަޅާ ހުށަހެޅުންތަކާ މެދު ގޮތް ނިންމަވާ ފަނޑިޔާރެވެ. އަދި މައްސަލައެއްގައި ހިމެނޭ ފަރާތެއް އުނިކުރުމަށް ނުވަތަ އިތުރު ކުރުމަށް ހުށަހަޅާ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމާނީވެސް އެ ފަނޑިޔާރެވެ.
އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވެފައިވާ މައްސަލަތައް ހުށަހެޅުމުގެ ހުއްދަދިނުމާ މެދު ގޮތެއް ނިންމުމާއި، ކަފާލާތުގެ މައްސަލަތަކާ މެދު ގޮތް ނިންމުމާއި، ރަޖިސްޓްރާގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ހުށަހަޅާ ހުށަހެޅުންތަކާ މެދު ގޮތް ނިންމުމަކީ ވެސް ޗެމްބަރު ފަނޑިޔާރުގެ މަސްއޫލިއްޔަތެއް ކަމަށް ގަވާއިދުގައި ބުނެއެވެ.
ސުޕްރީމް ކޯޓުގެ ޗެމްބަރު ފަނޑިޔާރުކަމަށް ބޭފުޅުން އައްޔަންކުރެއްވުމުގެ ބާރު އޮންނަނީ އުއްތަމަ ފަނޑިޔާރެވެ.
ސުޕްރީމް ކޯޓުގެ މަގާމުތަކަށް އުއްތަމަ ފަނޑިޔާރު ބަދަލު ގެންނަވާފައި މިވަނީ އާ އުއްތަމަ ފަނޑިޔާރަކު އައްޔަން ކުރުމާއި ގުޅިގެންނެވެ. އުއްތަމަ ފަނޑިޔާރަކަށް ޑރ. އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރީ މިދިޔަ ހަފްތާގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް