ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ހުޅަން ތާވަލުކޮށްފައިވާ ތާރީހު ފަސްވެއްޖެ ކަމަށް ދެކެވޭ ވާހަކަ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒު ދޮގު ކުރައްވައިފި އެވެ.
މީގެ ކުރިން މިނިސްޓަރު މުއިޒު ވިދާޅުވެފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ދުވަހަށް ނިމޭނެ ކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާގެ ކުންފުނިން ބުނެފައިވާ ކަމަށެވެ.
އެކަމަކު މިމަހުގެ ނިޔަލަށްވެސް ބްރިޖުގެ މަސައްކަތް ނުނިމޭ ކަމަށާއި ބްރިޖު ހުޅުވޭވަރުވާނީ އަންނަ މަހު ފަހުކޮޅުކަމަށް އިއްޔެ މީޑިއާގައި ރިޕޯޓު ކުރި އެވެ. އެ ރިޕޯޓާއި ގުޅިގެން މިނިސްޓަރު މުއިޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ބްރިޖު ހުޅުވުން ލަސް ނުވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ބްރިޖު ނިންމަން ހަވާލުކޮށްފައިވާ ތާރީހަކީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަސް ކަމަށެވެ. އެކަމަކު އޭގެ ދެ މަސް ކުރިން ޖުލައި 26 އަށް މަސައްކަތް ނިމޭނެ ކަމަށް ބުނީ ކުންފުނިން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކުރިންވެސް ހާމަކޮށްފައިވާނީ ކޮންޓްރެކްޓަރު އަމިއްލަ އިސްނެގުމަށް މިމަހުގެ 26 އަށް ބްރިޖު ނިންމުމަށް މަސައްކަތް ކުރަމުންދާ ވާހަކަ ކަމަށެވެ. އެހެންކަމުން މިމަހުގެ 26 ގެ ފަހުން ކަމަށްވިޔަސް ސެޕްޓެމްބަރު 25 ގެ ކުރިން ބްރިޖު ނިންމައިފި ނަމަ އެއީ ބްރިޖު ހުޅުވުން ލަސްވީ ކަމަށް ނުބެލެވޭނެ ކަމަށެވެ.
https://twitter.com/MMuizzu/status/1014112574684581888
މިހާރު ކުރަމުން އަންނަނީ ބްރިޖުގެ މައި ދެ ތަނބު ގުޅުވާލުމުގެ މަސައްކަތެވެ. އަދި އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހުރިހާ ތަނބެއް ގުޅުވާލައި، މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖުން ގުޅުވައިލެވޭނެ ކަމަށް މުއިއްޒު ވަނީ ކުރިން ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް