ފާރިސް މެންބަރުންނަށް ރިޝްވަތު ދެއްވިކަމުގެ ހެކި އެބަ ހުރި: ފުލުހުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމުގެ މައްސަލަ ހުށަހެޅުމަށް ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން މެންބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ސާބިތު ހެކި އެބަ...

04 Jul 2017 | 10:39

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމުގެ މައްސަލަ ހުށަހެޅުމަށް ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން މެންބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ސާބިތު ހެކި އެބަ ހުރި ކަމަށް ފުލުހުން ބުނެފި އެވެ.

އިސްކަންދަރު ކޮށްޓަށް ނޫސްވެރިން ގެންގޮސް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން މިއަދު އިއްވެވި ބަޔާނެއްގައި ވިދާޅުވީ ފާރިސް އާއި ދެކޮޅަށް ހެއްކާއި ގަރީނާ އެބަހުރި ކަމަށާއި ރޭވެސް ޝަކުވާއެއް ލިބިފައިވާ ކަމަށެވެ. ޝިފާން ވިދާޅުވީ މެންބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޝިފާން ވިދާޅުވީ މެންބަރުންނަށް ރިޝްވަތު ދިނުމުގެ މައްސަލަ ބެލުމުގައި ފުލުހުން ސާބިތު ކަމާއި އެކު ތިބި ކަމަށެވެ. އަދި އެއްވެސް މީހަކު އިސްތިސްނާ ކުރުމެއް ނެތި މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ.

މި މައްސަލައިގަ ފުލުހުން ރޭ ހައްޔަރުކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓެއްކަމަށްވާ އަހުމަދު ޝާފިއު، ސްވީޓް ފްލާވާ، ލ. ފޮނަދޫ އެވެ. އޭނާ ހައްޔަރު ކުރީ ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާ އޮތް މ. ކުނޫޒު ކައިރިން ކަމަށްވެ އެވެ. މީގެ އިތުރުން ދެން އެ މައްސަލައިގަ ފުލުހުން ހޯދަމުން ދަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަރިސް ބޭފުޅެއްކަމަށްވާ އަހުމަދު ސޮފްވާނެވެ.

ޝާފިއުގެ ގާނޫނީ ވަކީލު ރޭ ވިދާޅުވެފައިވަނީ އޭނާ އާއި ބައްދަލު ކުރުމުގެ ފުރުސަތު ފުލުހުން ދީފައި ނުވާ ކަމަށެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން އިއްޔެ ހުށަހެޅީ 45 މެންބަރުންގެ ސޮޔާއި އެކު އެވެ. އޭގެ ތެރޭގައި ޕީޕިއެމްގެ 10 މެންބަރުންވެސް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް