ރައީސް އަބްދުﷲ ޔާމީން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ އެހީތެރިކަން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުން އާދޭސް ދަންނަވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.
މުއާޒު ކުރެއްވި ޓުވޓު ތަކެއްގައި ވިދާޅުވީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބޭނުންވާ އެހީތެރިކަން ހޯދުމަށް އާދޭސް ކުރެއްވިޔަސް އެއްވެސް މެންބަރަކަށް ރައީސް ރިޝްވަތު ދެއްވާފައި ނުވާ ކަމަށެވެ. މުއާޒު ވިދާޅުވީ ކުރިޔަށް އޮތްތާވެސް މަޖިލީސް މެންބަރަކަށް ރައީސް ޔާމީން ރިޝްވަތު ނުދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.
"ރައީސް ވެވަޑައިގެންނެވި ވައުދުފުޅުތަކާއި، އެމަނިކުފާނުގެ މެނިފެސްޓޯގައިވާ ކަންކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަޖިލީހުގެ މެންބަރުންގެ ފަރާތްޕުޅުން ބޭނުންވާ އެހީތެރިކަން ހޯއްދެވުމަށް މެންބަރުންގެ އަރިހުން އާދޭސް ދަންނަވާފައި އެބަހުރި. އެކަމަކު މި ރައީސަކީ އެއްވެސް މެންބަރަކަށް ރިޝްވަތު ދެއްވައިގެން އެއްވެސް ކަމެއް ކުރައްވާނެ ރައީސެއް ނޫންކަމުގެ ޔަގީންކަން އަރުވަން،" މުއާޒު ވިދާޅުވެފައިވެ އެވެ.
މުއާޒު މިހެން ވިދާޅުވެފައި މިވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ސޮއި ކުރެއްވި ޕީޕީއެމް މެންބަރުންނަށް ގުޅުއްވައި އަނބުރާ ރުޖޫއަވުމަށް އެދި އާދޭސް ދަންނަވަމުންދާ ކަމަށް ސޮއި ކުރެއްވި ބައެއް މެންބަރުން މީޑިއާގައި ވިދާޅުވުމުންނެވެ. އެ މެންބަރުން ވިދާޅުވީ ސޮއި ކުރެއްވި މެންބަރުންނަށް ރައީސް ގުޅުއްވާ އޭގައި ސޮއި ކުރެއްވީ ކީއްވެތޯ އެއްސެވި ކަމަށެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ވެއްދީ 45 މެމްބަރުންގެ ސޮޔާ އެކުގަ އެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަގެނތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދު އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް)ގެ އިތުރުން ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ ހިމެނިވަޑައިގަންނަވަ އެވެ.
މީގެ ތެރެއިން އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވަނީ އޭގައި ސޮއި ނުކުރައްވާ ކަމަށް ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް