ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވެރިކަން ކުރާ ޕީޕީއެމްއިން ވަކިވެވަޑައިގެންފި އެވެ.
ޕީޕީއެމްގެ މެންބަރުކަމުން ވަކިކޮށްދިނުމަށް އެދި ލަތީފު އެ ޕާޓިގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނަށް ސިޓީ ފޮނުއްވީ އިއްޔެ އެވެ. އެކަމަކު އެ ސިޓީލިޔުއްވާފައިވަނީ 19 ޖޫންގެ ތާރީހުގައި އެވެ.
އެ ސިޓީގައި ލަތީފު ވިދާޅުވެފައިވަނީ ޕީޕީއެމްއިން ވަކިވެވަޑައިގެންނަވަނީ ޕާޓީގެ ވިޕްލައިނާ ހިލާފަށް ވޯޓު ދެއްވޭނެތީ ކަމަށެވެ. ލަތީފު ވިދާޅުވީ އަމިއްލަގޮތުން މަޖިލީހަށް ހޮވިވަޑައިގެންނެވުމުން ޕީޕީއެމްއާއި ގުޅިވަޑައިގެންނެވީ ސަރުކާރު ތެރެއިން ސަރުކާރާ ގުޅިގެން ގައުމަށާއި ދިއްދޫ ދާއިރާގެ ރައްޔިތުންނަށް ހިދުމަތްތަކެއް ކުރެއްވުމުގެ އަޒުމާއި އުއްމީދުގަ އެވެ. އަދި ތަރައްގީ އާއި ކުރިއެރުމަށް ބޭނުންވެފައިވާ ދިވެހި ޒުވާނުންގެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖައްސައިދޭން މަޖިލިހުގެ ތެރެއިންނާއި ބޭރުން މަސައްކަތްކުރެއްވުމުގެ ނިޔަތް ވެސް އޮތް ކަމަށް ވިދާޅުވި އެވެ.
އެކަމަކު މަޖިލީހުގެ ތެރެއިން ޕީޕީއެމުން ރައްޔިތުންގެ މަޖިލިހުގައި ނިންމި ބައެއް ނިންމުންތަކަކީ އެ ޒުވާނުންނާއި ރައްޔިތުންނަށް ހެވާއި ލާބައަށް ނިންމި ނިންމުންތަކެއް ނޫންކަން އިހުސާސްކުރެއްވެ އެވެ. އަދި އެ ނިންމުންތަކަށް ޕީޕީއެމްގެ މެންބަރުންނާއި ރައްޔިތުންގެ ތާއީދު ނެތްކަން ކައުންސިލް އިންތިހާބުގެ ނަތީޖާ އިން ވަރަށް ސާފުކޮށް ފެނިއްޖެ ކަމަށް ވެސް، ލަތީފު ވިދާޅުވެފައިވެ އެވެ.
އެހެންކަމުން ޕީޕީއެމްއިން ނެރޭ ވިޕްލައިންތަކާއި އެއްގޮތަށް ވޯޓު ދިނުމަށް ދަތިވާތީ ޕާޓިން ވަކިވާން ނިންމީ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ލަތީފް ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލައިގަ ސޮއި ކުރައްވާފައި އެވެ. ލަތީފު ވިދާޅުވީ އެ ކަމަށް ތާއީދުކޮށް ސޮއި ކުރެއްވީ ކާނަލް ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައާއި އޭނާ އާއި އެއްވެސް ގުޅުމެއް ނެތްކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވުމުން ނާޒިމް މިނިވަން ނުކުރުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް