ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހުޅަނގު ފަރާތުގައި ހަދާ އޭޕްރަން މަރާމާތުކޮށް ޖާގަ ބޮޑު ކުރުމުގެ މަސައްކަތް ފަށައިގެން ކުރިޔަށް ގެންދާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހާމަކޮށްފި އެވެ.
އެމްއޭސީއެލްއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ހުޅަނގު ފަރާތު އޭޕްރަން އިންް 35،000 އަކަމީޓަރުގެ ސަރަހައްދެއް މަރާމާތު ކުރަން ފަށާފައިވާކަމަށެވެ. އެ މަސައްކަތް ނިމޭއިރު ދެ ކޯޑް އެފް މާސް ސްޓޭންޑު ގާއިމް ކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.
އަދި މި ސަރަހައްދު ތަރައްގީކޮށް ނިމުމުން އެތާގައި އޭ 380 މަރުކާގެ ދެ ބޯޓު ޕާކު ކުރެވޭނެ ޖާގަ އޮންނާނެ ކަމަށް ބުނެފަ އެވެ. މިއީ އެ އޭޕްރަންގެ ފަހު ބައިގެ މަސައްކަތެވެ.
https://twitter.com/MACLmedia/status/1268255284645879808
އެކުންފުނިން ވަނީ ވީއައިއޭ ގެ ހުޅަނގު ދެކުނުގައި ތަރައްގީކުރި އޭޕްރަންގެ މަސައްކަތް ނިންމާ މާޗު މަހު އެތަން ހުޅުވާލާފަ އެވެ. ކޯވިޑް-19 އާއި ގުޅިގެން ވީއައިއޭގެ އާންމު އޮޕަރޭޝަންސްތައް ހުއްޓާލާފައިވާއިރު އަލުން ޓޫރިޒަމަށް ހުޅުވާލާ ދުވަސްވަރު ރާއްޖެ އަންނާނެ ކަމަށް ބެލެވެނީ އަމިއްލަ ޖެޓުތަކުގައި އަންނަ ޓޫރިސްޓުންނެވެ.
އެހެންވެ އެ ގޮތަށް އަންނަ ޖެޓުތައް ޕާކު ކުރާނެ ޖާގަތައް އެއާޕޯޓުތަކުން ހޯދުމުގެ މަސައްކަތް މިހާރުވެސް ސަރުކާރުން ވަނީ ފަށާފައި އެވެ.
ވީއައިއޭ ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫ ފަށާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެވެ. އެއް ބިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ކޯޑު އެފް ރަންވޭ އެއް ވަނީ ވީއައިއޭ ގައި ތަރައްގީ ކޮށްފަ އެވެ.
މި މަޝްރޫއު އެއްކޮށް ނިމޭއިރު ޒަމާނީ ފިއުލްފާމަކާއި ސީޕްލޭން ޓާމިނަލް އެއްގެ އިތުރުން އާ ޕެސެންޖާ ޓާމިނަލް އަކާއި ވީއައިޕީ ކޮމްޕްލެކްސް އެއްވެސް ތަރައްގީ ކުރުމަށް ވަނީ ނިންމާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް