''އަދިވެސް ހުރީތަ... ކޮންކަހަލަ ބައްޔެއް ޖެހިފަ ހުރި ދުވަހެއްތަ... މިހާރު ކޮންއިރެއް ސަރީފާއްތަ ގެ ދެމަފިރިން އެތާކޮޅަށް ތިބޭތާ.....'' ނާޒިމާގެ ރުޅިގަނޑު ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން އެނބުރި ހިގައިގަތެވެ.
ޒާރާ ބަލާލީ މާ ދުރުނޫން ހިސާބެއްގައި މަޑުކޮށްގެން ހުރި ސަރީފާ އަށެވެ. ގާތުގައި ހުރި އޭނާގެ ފިރިމީހާ ފެނުނުވަގުތު ޒާރާގެ ހަތަރެސްފައި ގަނޑުވި ކަހަލައެވެ. ސިނކުޑީގައި ބިރުވެރި ރަނގަބީލެއް އަޑު ގުގުމާލިއެވެ.
އެއީ އިމްރާންގެ އެހީތެރިޔާގެ ގޮތުގައި ރޭގައި އިމްރާން ގާތުގައި ހުރި މީހާއެވެ. އިމްރާންގެ ބައްޕަ ކަމުގައި ހީކުރެވުނު މީހާއެވެ. އެއީ ހަމަ އޭނައެވެ. ސަރީފާ ގާތުގައި އެ ފިރިހެންމީހާ ހުއްޓިގެން ހުރީ ޒާރާއަށް ބަލާށެވެ. ހެވިދިލިފައެވެ. ޒާރާ އިމްރާންގެ ގާތަށް ގެންދަން އެމީހުން ބޭނުންވާ ސަބަބަކީ ކޮބާ ބާވައެވެ. ނަރުހަކަށް ވާތީ، އިތުރު އެހީތެރިކަން ހޯދުމުގެ ބޭނުމުގައި ކަމުގައިވެސް ވެދާނެއެވެ. މަންމަ އާ އޮންނަ ގާތްކަމުގެ ފައިދާ އެގޮތުން ނަގަން ބޭނުންވަނީ ކަމުގައި ޒާރާއަށް ހީކުރެވުނެވެ. އޭނާގެ އަމިއްލަ ހިތަށް ވިސްނައިދީ އެގޮތަށެވެ. ހިތްހަމަ ޖައްސާލުމަށްފަހު މަންމައާއެކު ކުރިއަށް ހިނގައިގަތެވެ.
''ދަރިފުޅާ މީ އަލިބެއާ ސަރީފާއްތަ..... ވަރަށް ހިތްހެޔޮ ދެމަފިރިން... އަލިބޭ.... މީ މަގޭ ލޯބިވާ އަންހެން ދަރިފުޅު....ޒާރާ...'' ނާޒިމާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އަންހެން ދަރިއަކު ބޮޑުކުރެވުނީތީ އެ ދަރިފުޅު އިޝްތިހާރު ކުރުވަން ނާޒިމާ ބޭނުންވާ ކަހަލައެވެ.
'' ދިމާވި ރޭގަ...ދޯ..... ޒާރާ...'' އަލިބެ ވަރަށް ހުޝިޔާރެވެ. ޒާރާގެ ހިތް ހީވީ މޭ ފަޅާފައި ނިކުމެދާނެހެންނެވެ. އެހާ ގާތްކޮށް އަލިބެ ވާހަކަދައްކާ ފާނެކަމަކަށް ޒާރާ ހީއެއް ނުކުރެއެވެ. އެންމެންގެ މޫނަށްވެސް ވެރިވެފައިވަނީ އުފާވެރިކަމެވެ. ޒާރާ ފިޔަވައެވެ. އޭނާގެ އެ ރީތި މޫނުގެ ކުލަ ފަނޑުވެފައިވެއެވެ. ލޮލުން ފެންނަނީ ނުތަނަވަސްކަމެވެ. އެއްވެސް މީހަކާ ދިމާލަށް ބެލުންވެފައިވަނީ އުނދަގޫ ކަމަކަށެވެ. މުޅިން އާބައެއްގެ ތެރޭގައި، މުޅިން އާ ތަނަކަށް އާދެވިފައިވާ މީހަކުފަދައިން ބުނާނެ އެއްޗެއް ކުރާނެ ކަމެއް ނޭނގިފައި ޒާރާއަށް ހުރެވުނީއެވެ.
ސަރީފާ ކުރީގައި ހުރެގެން ހިނގައިގަތީ ޖެނެރަލް ވޯޑާ ދިމާއަށެވެ. އަތަނުން އިމްރާން އާ ބައްދަލު ކުރުން އެއީ ޒާރާ ކުރަންބޭނުންވާ ކަމެއް ނޫނެވެ. ޒާރާގެ ހިތް ނެގިނެގިފައި ޖެހެނީ އަމަށަކު ވަރަކަށް ނޫނެވެ. ވަންނަ ދޮރާ ކައިވަމުން ދިޔަވަރަކަށް ނޭވާލާން އުނދަގޫ ވާ ކަމުގެ އިހްސާސް އޭނާއަށް ކުރެވެމުން ދިޔައެވެ. އަތްފައި ފިނިވެފައިވީނަމަވެސް، މުޅި މީހާ ގައިން ދާ ހިއްލަން ފެށިއެވެ. ކޮންމެވެސްކަހަލަ ހާސްކަމެއް އޭނާ ވަށާލާ ހަތަރު ފަރާތުން ފިއްތަމުންދާކަހަލައެވެ. އައިކޮޅަށް އެނބުރިދާން އޭނާގެ ހިތް ބުނާތާ އެތަށް އިރެކެވެ. އެހެންނަމަވެސް، އެންމެ ސިކުންތަކަށްވެސް ނާޒިމާގެ ނަޒަރުން ޒާރާ ކައްސާނުލާކަން އެނގޭތީ ކުރިއަށް ދިއުން ނޫންގޮތެއް އޭނާއަކަށް ނެތެވެ. ކެނޑިނޭޅި ވައިބްރޭޓް ވަމުންދާ އޭނާގެ ފޯނަށް ބަލާލަން ބޭނުންވިޔަސް އެކަންވެސް ކުރެވޭކަށް އޭނާ އަކަށް ނެތެވެ. އިންސާނާ ކިހާ ނިކަމެތި ހެއްޔެވެ. ބޭރުފުށުން ނުފެންނަ ކިތައްމެ ޒަޚަމެއްގެ ވޭން އިންސާނާ ތަހައްމަލު ކުރަމުންދާއިރު، ބަލާމީހަކަށް އެކަމެއް ނޭނގޭނެއެވެ. ޒާރާ އަކީވެސް އެފަދަ އިންސާނެކެވެ. ބޭރުން ފެންނަ ފެނުމުގައި އެއްވެސް އަނިޔާއެއް، ލަކުނެއް ފެންނާކަށް ނެތެވެ. ނަމަވެސް ހިތުގައި އެތަކެއް ޒަޚަމެއް އުފެދި، އެތަކެއް ލަކުނެއް ވަނީ ލެވިފައެވެ.
ދޮރުން އެތެރެއަށް އެޅި ފިޔަވަޅާއެކު ބޭއިޚްތިޔާރުގައި ޒާރާއަށް ހުއްޓެވުނެވެ. ދެފައިގައި ކަސްތަޅު އެޅުނު ކަހަލައެވެ. އިމްރާން އަށް ޒާރާ ނުފެނުނު ކަމުގައި ވިޔަސް ޒާރާ އަށް އިމްރާން އިނީ ފެންނާށެވެ. ވޯޑަށް ވަންނަ ދޮރާދިމާއަށް ފުރަގަސް ދީގެން އިމްރާން އިނީ އެނދުގައި އިށީނދެ، އޭނާގެ މަންމަ އާ ވާހަކަދައްކާށެވެ. އައިވީ ގުޅާފައިވާ އަތް ބާލީސްމަތީގައި ބާއްވާލާފައި އޮތެވެ.
''ޒާރާ..... އާދޭ އެތެރެއަށް..... '' ސަރީފާގެ ގޮވާލީ ނުހަނު ލޯބިންނެވެ. ނާޒިމާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ޒާރާ ކަންތައް ކުރަމުންދާގޮތުން އޭނާ ރުޅި ކޮންޓްރޯލް ކުރަން އުނދަގޫ ވާން ފަށައިފިއެވެ. އޭނާ ޒާރާގެ ގާތަށް އައިސް އަތުގައި ހިފިއެވެ. ދެކޮޅު ހަދާކަށް ޒާރާއަކަށް ނުކެރުނެވެ.
''މީހަކު ލަދުން ހަލާކެއް ނުވާނެތަ... އެމީހުން އެހާވަރުން އުޅޭއިރު ކޮންކަހަލަ ފޫހިގޮތަކަށްތަ ޒާރާ ތި އުޅެނީ.... ކަލޭ ތުއިވާނީ ކަލޭގެ ބައްޕަ ހުންނަ ތަންތާނގަ.....ހިނގާ އެކޮޅަށް..'' ނާޒިމާގެ ޖުމްލަތައް ތޫނު ކަށިތަކެއް ފަދައިން ޒާރާގެ ހިތަށް ހެރި ނިމިއްޖެއެވެ. ލޮލުން ކަރުނަ ހިލުނެވެ. ނާޒިމާގެ ބަސްތައް ހަރުކަށިވެފައި ވީނަމަވެސް އެހެންމީހަކަށް އިވުނަކަ ނުދެއެވެ. އެއީވެސް ނާޒިމާގެ ކުޅަދާނަކަމެވެ.
''ދެން ރޯން ފަށާ.... މީ ކަލޭގެ ގެއެއްނޫން.... ހަބަރުދާރު ކަލޭގެ ރޯ ޑްރާމާ މިތާ ނުޖައްސާތި...'' އިންޒާރުގެ ބަސްތަކަށްފަހު ނާޒިމާ ގެ ތުންފަތް މައްޗަށް ޗާލު ހިނިތުން ވުމެއް ވެރިކުރުވިއެވެ. ދުވަހަކު އެމޫނަށް ރުޅިވެރިކަން ވެރިނުވާފަދަ ސާފު ހިނިތުންވުމެކެވެ.
ޒާރާގެ ހިތް އޮބި ނޯންނަ ވަރަށް ތެޅިފޮޅެނީއެވެ. އެހެންނަމަވެސް މަންމަގެ އަމުރަށް ކިޔަމަންވުން ނޫންގޮތެއް ޒާރާ އަކަށް ނެތެވެ. މަޑު ފިޔަވަޅު މަތީގައި އިސްޖަހާލައިގެން ހުރެ ޒާރާ ކުރިއަށް ދިޔައެވެ. ނާޒިމާގެ އަތުތެރޭގައި އޭނާގެ އެއް އަތް އޮތީ ހައްޔަރުވެފައެވެ. ނާޒިމާގެ އަތުން ހިފަހައްޓާލެވިފައިވާ ޒާރާގެ އަތުގެ ތުރުތުރު އެޅުން އޭނާގެ މަންމަ އަށް އިހްސާސްވާހެނެއް ހިޔެއް ނުވެއެވެ.
ޒާރާ ހުއްޓެން މަޖުބޫރުވީ އޭނާގެ މަންމަ އޭނާ ގެންގޮސް ބެހެއްޓި ތާނގައެވެ. ސަރީފާކައިރީގައި އިމްރާން ގެ ސީދާ ކުރިމަތީގައެވެ. އިމްރާން އިސްއުފުލާ ބަލާލިއެވެ. ޒާރާގެ މޫނަށް ބަލާލެވުމާއެކު އިމްރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެސްފިޔަ ޖަހާލަންވެސް އޭނާގެ ދެލޯ ހަރަކާތެއް ނުކުރިއެވެ. ގަބޫލުކުރަން ދަތި މަންޒަރެއް ލޯ ކުރިމަތީން ފެންނަމުންދަނީއެވެ. އޭނާގެ ހިތުގެ ރާނީ އެހެރީ އޭނާއާ ނުހަނު ގާތުގައި، ސީދާ އޭނާގެ ލޯ ކުރިމަތީގައެވެ. ފެންނަމުންދާ މަންޒަރަކީ ހުވަފެނެއް ނޫންކަމާމެދު ވެސް އިމްރާނަށް ޝައްކެވެ. ކައިރީގައި އެހެންބަޔަކު ތިބި ކަމެއް އިމްރާން ހަނދާނެއްނެތެވެ. ހުންއައުމުގެ ސަބަބުން ހިކިފައިވާ ތުންފަތަށް ހިނިތުންވުން ވެރިވެގެން ދިޔައެވެ. ފެންހިކި، އިރުގެ ހޫނުން މިލާފައިވާ ގަހަކަށް ހިޔާވެ، ފެންލިބުމުން ތާޒާކަން އަންނަފަދައިން އިމްރާންގެ މިލާފައިވާ މޫނަށް ޒާރާ ފެނުމުން ދިރުން ގެނުވައިފިއެވެ.
ޒާރާ އިސްޖަހާލައިގެންހުރި އިރު އޭނާގެ ދޮން ކޯތާފަތަށް އެ ދިގު އެސްފިޔަތަކުގެ ހިޔަނި އެޅިފައި ވެއެވެ. ލަދުވެތިކަމުގެ ސަބަބުން އެރީތި މޫނުގެ ރީތިކަން އެތަށް ގުނައަކަށް އިތުރުކޮށްދެއެވެ. އެ ތުނިތުނި ހަށިގަނޑުން ދުވަމުންދާ 'މިޑްނައިޓް' ގެ މީރުވަހުން އިމްރާންގެ ރޫހަށް ދިރުން ގެނެސްދިން ކަހަލައެވެ.
ޒާރާ އަކީ އިމްރާން ދަންނަ ކުއްޖެއްކަމާ އިމްރާންގެ ހިތުގައި ޖަހަމުންދާ ލޯބީގެ ވިންދު ގުޅިފައިވަނީ ޒާރާ އާ ކަން އެނގިހުރެ އެކަން ނޭނގޭކަމަށް އެ ދެމަފިރިން ހެދީ ގަސްދުގައެވެ. އިމްރާން ލެޕްޓޮޕުން ޒާރާގެ ފޮޓޯ ސަރީފާ އަށް ފެނުނެވެ. އެ ފޮޓޯގައި އިމްރާން ލިޔެލާފައިވާ ލޯބީގެ ލަފުތައް ސަރީފާވަނީ ކިޔާފައެވެ.
ލެޕްޓޮޕް ހުޅުވާފައި ހުންނަ ވަގުތުތަކުގައި އެކި ފަހަރުމަތިން އެ ތަސްވީރު ވަނީ ސަރީފާއަށް ފެނިފައެވެ. ނާޒިމާގެ އަންހެން ދަރިފުޅު އެއީ އިމްރާންގެ ހިތުގެ ރާނީ ކަން އެނގުނު ވަގުތުން ފެށިގެން ސަރީފާ މަސައްކަތްކުރީ ނާޒިމާ އާ އެވާހަކަ ހިއްސާކޮށް، އިމްރާނުގެ ކައިވެނި ޒާރާ އާ ކުރުވާށެވެ. ނަސީބު ހިނިތުންވެލީ ސަރީފާ ބޭނުންވި ގޮތަށެވެ. ނާޒިމާ ލޮލާއި ބޮލުން ރުހި ގަބޫލުވީ ހީވެސް ނުކުރާހާ ފަސޭހައިންނެވެ. ފައިސާއާ މުދަލުގެ އަޅަކަށް ވެފައިވާ ނާޒިމާ ހުރީ އެފަދަ ދަނޑިވަޅެއްގެ އިންތިޒާރުގައި ކަމެއް ނާޒިމާ ނޫން މީހަކަށް ނޭނގޭނެއެވެ. ސަރީފާގެ އާއިލާ ފޮނަދޫއަށް ދިރިއުޅުން ބަދަލުކުރީއްސުރެ، ނާޒިމާ ފާރަލަމުން ދިޔައީ އެ ފުރުސަތަށެވެ.
''ދަރިފުޅާ އިމްރާން..... މިއީ ޒާރާ.... ނާޒިމާގެ ދަރިފުޅު...'' ސަރީފާ އިމްރާންގެ ކޮނޑުގައި އަތް ޖައްސާލަމުން ޒާރާ އިމްރާންއަށް ތައާރަފް ކޮށްދިނެވެ. އިމްރާން އަށް ހޭވެރިކަންވީ ސަރީފާގެ އަތުން އިމްރާންގެ ކޮނޑުގައި ޖަހާލުމުންނެވެ. އަވަސް އަވަހަށް އިސްޖަހާލެވުނެވެ.
''ޒާރާ އެއައީ އިމްރާނަށް ގޮވާލަން....ދޯ ދަރިފުޅާ....'' ނާޒިމާ ވަރަށް ލޯބިން ޒާރާގެ މޫނަށް ބަލާލިއެވެ. ޒާރާ އިސްޖަހައިގެން ހުރިގޮތަށް ހުރީއެވެ. އިމްރާންގެ މޫނަށް ބަލާލަން ނުކެރުނުތާ، އޭނާގެ މަންމައާ ހަތަރުކަޅި ހަމަކުރަންވެސް މިވަގުތު އޭނާ ބޭނުމެއް ނޫނެވެ. ޒާރާ އަށް ނުވެސް އެނގި މަންމަ މިފަދަ ތާކަށް ގެނެސް އެގޮތަށް އެ ކަންތައް ކުރަނީ ކީއްވެ ހެއްޔެވެ. ޒާރާ ލަދު ގަންނަވާ ދެރަކުރުމުން މަންމަ އަށް ލިބެނީ ކޮން އުފަލެއް ހެއްޔެވެ. ޒާރާ ބޭނުންވީ ވަގުތުން އެތަނުން ނިކުމެގެން ދާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް