ކ. ހުރާ ފަޅު ތެރޭގައި ހިނގި އެކްސިޑެންޓެއްގައި ދޯންޏަކުން ޖެހި ތިން ލޯންޗަކަށް ގެއްލުން ވެއްޖެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެ ތިން ލޯންޗަކީ ހުރާ ފަޅުގައި އަޅާފައި އޮތް ތިން ލޯންޗެވެ. މިކަން ރިޕޯޓްކޮށްފައިވަނީ މިއަދު 1:51ގައި ކަމަށް ފުލުހުން ބުނެއެވެ.
"މި އެކްސިޑެންޓް ހިނގާފައިވަނީ ދޯނި ޖެޓީއާ ގާތް ކުރަން އުޅުމުގެ ތެރޭގައި ދޯނީގެ އިންޖީނުގެ ގިއަރު ނަރު ކަނޑައިގެން ގޮސް ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން" ފުލުހުން ބުނެފައިވެއެވެ.
މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. ނަމަވެސް ތިން ލޯންޗަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ. އެގޮތުންް އެއް ލޯންޗުގެ ކަނާތް ފަރާތުން ދެ ތަނަކުން ފަޅައިގެން ގޮސް މަތީ ދަގަނޑުތައް ލެނބިފައިވެއެވެ. އަދި ސަތަރި ނެއްޓިފައިވެއެވެ. އަދި ހަމަ އެ ލޯންޗުގެ ވާތް ފަރާތު މަތިން ރެނދު ލާފައިވެއެވެ. އަދި ކަނާތް ފަރާތުގެ ސަތަރިވެސް ނެއްޓިފައިވެއެވެ.
ދެވަނަ ލޯންޗުގެ ކަނާތް ފަރާތު އަރިމަތިން ގޭނިފައި ފައި ވާތް ފަރާތު ފަހަތުން ތަންކޮޅެއް ނެއްޓިފައިވާއިރު ތިން ވަނަ ލޯންޗުގެ ކަނާތް ފަރާތު އަރިމަތީ ސަތަރި ނެއްޓިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި ދޯނި ދުއްވަން ހުރި ކެޕްޓަނަކީ ލައިސަންސް އޮންނަ ކެޕްޓަނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް