ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަން އާލާކޮށް އިޖްތިމާއީ ގުޅުން ބަދަހިކަން ފެނިގެންދާ އެއް ކަމަކީ އީދު ސަޔެވެ.
ކުޑަ އީދު ވިޔަސް އަދި ބޮޑު އީދު ވިޔަސް އީދު ނަމާދަށްފަހު ރާއްޖޭގެ ގިނަ ރަށްރަށުން ފެންނަ އެންމެ ރީތި އެއް މަންޒަރަކީ މިފަދަ މުނާސަބަތުތަކުން ފެންނަ އެކުވެރިކަމެވެ.
މި އެކުވެރިކަން އާލާކޮށް، މުޖުތަމުގެ އެކުވެރިކަން ބަދަހިކުރުމުގެ މަގްސަދުގައި މިފަހަރު އީދު ސައި ގައި ބީއެމްއެލް އިން ބައިވެރިވެ، 8 ރަށެއްގައި ބޭއްވި އީދު ސަޔަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފިއެވެ.
މިރަށްތަކަކީ ހއ. ހޯރަފުށި، ށ. ފުނަދޫ . ނ. ހޮޅުދޫ، ޅ. ނައިފަރު، އއ. ރަސްދޫ، ވ. ފެލިދޫ، މ. މުލި، އަދި ސ. ހުޅުމީދޫ އެވެ. އީދު ސައި އިންތިޒާމްކޮށްފައިވަނީ ރަށުގެ ކައުންސިލްތަކާއި، މަދަނީ ޖަމިއްޔާތަކާއި އަދި އާންމު ފަރުދުންނާ ގުޅިގެން އެފަރާތްތަކުގެ ވަރަށް ފުރިހަމަ އެހީތެރިކަމާއެކުގައެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ މެނޭޖަރ ޕްބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ ކުދިބޮޑު އެންމެން އީދުގެ ސައިގައި ބައިވެރިވެ، އެއްކޮށް ސައިބޮއި ވާހަކަ ދައްކާލާ މަންޒަރަކީ އުފާވެރި މަންޒަރެއް ކަމަށެވެ. އީދު ފަދަ މުނާސަބާތަކުގައި އެއްކޮށް މި ގޮތަށް އީދު ސައި ބާއްވާލުމަކީ އެކުވެރިކަން ބަދަހިވާ ކަމެއް ކަމަށެވެ.
"މިފުރުސަތުގައި ބޭންކުގެ ބްރާންޗުތަކުގެ މުވައްޒަފުން މިކަމަށް އިސްނަގައިގެން ކޮށްދިން މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި ހަމައެހެންމެ މި ރަށްތަކުގެ ރައްޔިތުންގެ ފަރާތުން މިކަމަށް ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް އެފަރާތްތަކަށްވެސް ޚާއްސަ ޝުކުރެއް ދަންނަވަން" ސައީދު ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ އަޅުގަނޑުމެންގެ އުއްމީދަކީ ކުރިއަށް އޮތްތާނގައިވެސް މިފަދަ ހަރަކާތްތަކެއް ވީހާވެސް ގިނަ ރަށްތަކުގައި ބޭއްވިގެންދިޔުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް