ދަތުރުކުރަމުންދާ ކްރޫޒް ޝިޕް -
އެޓްލާންޓިކް ކަނޑުގައި ދަތުރުކުރަމުންދާ ކްރޫޒް ޝިޕެއްގައި ހަންޓަ ވައިރަސް ފެތުރި ތިން ފަސެންޖަރުން މަރުވެ، އިތުރު ބަޔަކަށް ބަލި ޖެހިފައިވާ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އާދީއްތަ ދުވަހު ބުނެފިއެވެ.
ނެދަލެންޑްސްގެ އޯޝަންވައިޑް އެކްސްޕެޑިޝަންސް ކުންފުނިން ހިންގާ އެމްވީ ހޮންޑިއުސް ނަމަކަށް ކިޔާ މި ބޯޓު ދަތުރު ފެށީ އާޖެންޓީނާގެ އުޝުއާޔާ އިންނެވެ. އެންޓާޓިކާ އާއި އިނގިރޭސިވިލާތުގެ ސެއިންޓް ހެލީނާ މަގުން ދަތުރުކޮށް، މިހާރު ބޯޓު އޮތީ ހުޅަނގު އެފްރިކާގެ ޖަޒީރާ ޤައުމެއް ކަމަށްވާ ކޭޕް ވާޑެގެ ވެރިރަށް ޕްރައިއާ ބަނދަރު ކައިރީގައެވެ. ނަމަވެސް ކޭޕް ވާޑެ ސަރުކާރުން ފަސެންޖަރުން ބޭލުމުގެ ހުއްދަ ދީފައެއް ނުވެއެވެ.
ޑަބްލިއުއެޗްއޯ އިން ބުނީ ޖުމްލަ ހަ މީހެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެނިފައިވާ ކަމަށާއި، އޭގެ ތެރެއިން އެކެއްގެ ޓެސްޓު ކޮންފާމްވެފައިވާ ކަމަށެވެ. ތިން މީހުން މަރުވެފައިވާ އިރު، އެކަކަށް ދެކުނު އެފްރިކާގައި އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށެވެ. އެންމެ ފުރަތަމަ ބަލީގެ އަލާމާތް ފެނުނީ 70 އަހަރުގެ ފިރިހެނެއްގެ ކިބައިންނެވެ. އޭނާ ބޯޓުމަތީގައި މަރުވި އިރު، އޭނާގެ 69 އަހަރުގެ އަނބިމީހާ ވެސް ބަލިވެ، ދެކުނު އެފްރިކާ އަށް ގެންދިޔަ ފަހުން ޖޮހެނެސްބާގުގެ ހޮސްޕިޓަލެއްގައި މަރުވީއެވެ.
ހަންޓަ ވައިރަހަކީ މީދާ ފަދަ ޖަނަވާރުންގެ ނަޖިހާއި ކުޑަކަމުދާ ތަކެތީގެ ޒަރީޢާއިން އިންސާނުންނަށް ފެތުރޭ ވައިރަހެކެވެ. މި ވައިރަހުގެ ސަބަބުން ފުއްޕާމެޔަށް ފެން އެއްވެ ނޭވާލާން ދަތިވާ ހާލަތެއް މެދުވެރިވެ، ބަލި ޖެހޭ މީހުންގެ 35 އިންސައްތައެއްހާ މީހުން މަރުވެދާނެ ކަމަށް ތަފާސް ހިސާބުތައް ދައްކައެވެ. ބޯޓެއްގައި މި ވައިރަސް ފެތުރުމަކީ ވަރަށް އާދަޔާ ޚިލާފު ކަމެއް ކަމަށް ޞިއްޙީ މާހިރުން ބުނެއެވެ. ބެލެވޭ ގޮތުގައި ބޯޓުގައި މީދާ އުޅެ، ތަޣައްޔަރުވީ ނުވަތަ ދެކުނު އެމެރިކާ އިން ފެންނަ "އެންޑީޒް" ވޭރިއެންޓް މެދުވެރިކޮށް އިންސާނުންގެ ދެމެދުގައި ފެތުރުނީއެވެ. އެންޑީޒް ވޭރިއެންޓަކީ އިންސާނުންގެ ދެމެދުގައި ފެތުރިދާނެ ކަމުގެ ހެކި ހުރި ހަމައެކަނި ހަންޓަ ވައިރަސް ވައްތަރެވެ.
ބޯޓުގައި 170 ފަސެންޖަރުންނާއި 71 ކުރޫ ތިބި އިރު، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް ވިދާޅުވީ ބަލީގެ އަލާމާތް ހުރި ދެ ފަސެންޖަރުން އިވެކުއޭޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ބޯޓުގެ ހުރިހާ ފަސެންޖަރުންނާއި ކުރޫ އިންނަށް ޞިއްޙީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. ނަމަވެސް ބޯޓުން މީހުން ފޭބުމުގެ/ބޭލުމުގެ ހުއްދަ އަދި ދީފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް