ރާއްޖޭގައި ތިބި އިންޑިއާ މީހުން ކަނޑުމަގުން އަނބުރާ ގައުމަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ޑެކަން ހެރަލްޑްއިން ބުނީ އިންޑީއާ ސަރުކާރުން ނިންމާފައިވަނީ އިންޑިއާ މީހުން ބަލާ ރާއްޖެއަށް ފެރީއެއް ފޮނުވަންށެވެ. އެ ނޫހުގައި ބުނެފައިވަނީ ކޮރޯނާވައިރަހާހެދި މާލެ މިހާރު ލޮކްޑައުންކޮށްފައިވުމުން، އިންޑިއާ މީހުންނަށް ވެސް ބޮޑެތި ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ދީފައިވާ މައުލޫމާތުތަކަކާއި ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ މި ދަތުރުގައި އިންޑިއާއަށް ގެންދާ އެންމެން ކޮޗިންގައި14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަން ޖެހެ އެވެ. މި ދަތުރުގައި ރާއްޖޭގައި ތިބި200 އެއްހާ މީހުންނަށް އަނބުރާ ދިއުމުގެ ފުރުސަތު ދޭނެ ކަމަށް ވެ އެވެ.
މި ދަތުރުގައި ދިއުމުގެ ފުރުސަތު ދޭން އިސްކަން ދޭނީ އަނބުރާ ގައުމަށް ދިއުމަށް އެދި ހައިކޮމިޝަނަށް ހުށަހަޅާފައިވާ ފަރާތްތަކަށެވެ. އޭގެ ތެރެއިން އިސްކަން ދޭން ނިންމާފައިވަނީ ބަލިމީހުންނާއި މާބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން އާއިލާގެ މީހަކު މަރުވެގެން ނުވަތަ ވަޒީފާ ގެއްލި ހާލުގައި ޖެހިފައިވާ މީހުންނަށެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ އިންޑިއާ މީހުން ވަޒީފާ އަދާ ކުރެ އެވެ. އޭގެ ތެރޭގައި ޓީޗަރުންނާއި ޑޮކްޓަރުންނާއި ނަރުހުން ހިމެނެ އެވެ. އޭގެ ތެރެއިން ގިނަ މީހުން ނިސްބަތްވަނީ ކެރެލާ ސްޓޭޓަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް