ނައިޖީރިއާގެ ކާނޯ ސްޓޭޓްގައި މި ރަމަޟާން މަހު ދުވާލު ވަގުތު އާއްމު ތަނެއްގައި އެއްޗެއް ކައިފި ބޮއެފި މީހަކު ލާނީ ޖަލަށް ކަމުގައި އެ ސަރަހައްދުގެ އަމަން ބަލަހައްޓަން އުފައްދާފައި އޮންނަ ދަ ހިސްބާ ސިފައިންގެ ޖެނެރަލް ނަބަހާނީ އުސްމާން ބުނެފިއެވެ.
ބީބީސީއަށް ދީފައިވާ އިންޓަވިއުއެއްގައި ނަބަހާނީ ބުނެފައިވަނީ އޭނާގެ ސިފައިން ރޯދަމަހު ދުވާލު ވަގުތު މަގުތަކުގައި ފޯރިމަރަން ނިކުންނާނެ ކަމަށެވެ. އަދި އާންމުތަނެއްގައި ކައި ބޮއި ހަދާނަމަ އިތުރު ގޮތެއް ނޯންނާނެ ކަމަށާއި ލާނީ ޖަލަށް ކަމުގައި އޭނާ ބުނެފައިވެއެވެ.
ޖަލަށް ލައިފި މީހަކު ދޫކޮށްލާނީ ކެއުމަށް އުޒުރުވެރިކުރުވާފަދަ ސިއްހީ ލިޔުމެއް އާއިލާއިން ގެނެސްދީފިނަމަ ކަމަށާއި ނަމަވެސް ދޫކޮށްލާނީވެސް އާންމުތަންތަނުގައި ނުކެއުމަށް ޝަރުތުކޮށްފައި ކަމުގައި އޭނާ ބުނެފައިވއެވެ. އަދި އެ ލިޔުން ނުލިބޭނަމަ ރޯދަމަސް ނިމެންދެން އެމީހަކު ހުންނަން ޖެހޭނީ ޖަލުގައި ކަމުގައިވެސް އޭނާ ބުނެފައިވެއެވެ.
ނަބަހާނީ އިތުރަށް ބުނެފައިވަނީ ރަމަޟާން މަހަކީ ހާއްސަ މަހެއް ކަމަށާއި ކޮންމެ މުސްލިމަކުވެސް ރޯދަ ހިފަން ޖެހޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް