ކަދުރު ބަހާނީ ފަގީރުންގެ ދަފްތަރުގައިވާ ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓުގެ އުސޫލުން: މިނިސްޓްރީ

މި އަހަރުގެ ރަމަޟާން މަހަށް ސައުދީ އަރަބިއްޔާއިން ހަދިޔާކޮށްފައިވާ ކަދުރު ބަހާނީ ފަގީރުންގެ ދަފްތަރުގައިވާ ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓުގެ އުސޫލުން ކަމުގައި އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. މ...

04 May 2019 | 12:52

މި އަހަރުގެ ރަމަޟާން މަހަށް ސައުދީ އަރަބިއްޔާއިން ހަދިޔާކޮށްފައިވާ ކަދުރު ބަހާނީ ފަގީރުންގެ ދަފްތަރުގައިވާ ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓުގެ އުސޫލުން ކަމުގައި އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައެވެ.

އެ އިއުލާނުގައި ބުނެފައިވަނީ މާލެ ސިޓީއާއި، އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީ އަދި އަތޮޅުތަކުގެ ރަށްރަށަށް ކަދުރު ބަހާނީ، މީހުން ދިރިއުޅޭ ގޭބިސީތަކުގެ ޢަދަދު ބެލުމަށްފަހު، 2018 (1439) ވަނަ އަހަރު މި މިނިސްޓްރީގައި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބިސީއަކަށް އެއް ޕަކެޓް ކަދުރު ދޭ އުޞޫލުން ކަމަށާއި މިގޮތުން ފަޤީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށްފަހު، ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް ފުރަތަމަ އިސްކަންދޭ އުޞޫލުން ކަމަށެވެ.

އެގޮތުންވެސް ކޮންމެ ގޭބިސީއަކަށް ބަހާނީ އެއް ޕަކެޓް ކަދުރު ކަމަށާއި ސަޢޫދީ ޢަރަބިއްޔާއިން މިއަހަރު ލިބުނު ކަދުރު ފަޤީރުންގެ ގޭބިސީތަކަށް ބެހުމަށްފަހު، ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 30 ޕަކެޓް ކަދުރުކަމަށް ބުނެފައިވެއެވެ. އަދި ކުރިއަށްއޮތް ތަނުގައި ހެޔޮއެދޭ ދަޢުލަތްތަކުން ކަދުރު ލިބޭ މިންވަރަކުން ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށާއި ގޭބީސީތަކަށް ކަދުރު ބަހާނީ، އެ ގޭބީސީއެއްގެ ސައްޙަކަން އަންގައިދޭ ލިޔުމެއް ގެންނެވުމުން، އެ ލިޔުމުގެ ސައްޙަކަމަށް ބެލުމަށްފަހުގައި ކަމަށާއި މިގޮތުން، ކަދުރު ބެހުމުގައި ފަޤީރުންނަށް އިސްކަންދީގެން ކަދުރު ޙަވާލުކުރުމަށް ދަންނަވާކަމުގައިވެސް މިނިސްޓްރީން ބުނެފައިވެއެވެ.

އެ އިއުލާނުގައި ބުނެފައިވަނީ ގޭބީސީއެއްގެ ސައްޙަކަމަށް ކަނޑައަޅާ ލިޔުމަކީ ކުއްޔަށް ހިފައިގެން ދިރިއުޅޭ ތަނުގެ ދެފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމުގެ އަސްލު ނުވަތަ އެގޭބިސީއެއް ނިސްބަތްވާ ޢިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލު ނުވަތަ ގޭގެ ޢިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލާއި ކަދުރާ ޙަވާލުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ބޭނުންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

"މިގޮތުން، މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ މާލެ ސިޓީ ކައުންސިލް މެދުވެރިކޮށެވެ. އަދި ރަށްރަށަށް ނުވަތަ އަތޮޅުތެރެއަށް ކަދުރު ބަހާނީ، އަތޮޅު ކައުންސިލްތަކުންނާއި، ރަށު ކައުންސިލްތައް މެދުވެރިކޮށެވެ. އެހެންކަމުން، ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 08:45 އިން 13:00 އަށް އަދި 1440 ވަނަ އަހަރުގެ ރަމަޟާން މަހު ހެނދުނު 09:30 އިން 12:00 އަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ކަދުރާ ޙަވާލުވުމަށް ކައުންސިލްތަކުން ފޮނުއްވުމަށް ދަންނަވަމެވެ." އެ އިއުލާނުގައި ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ ކަދުރު ބަހާނީ 02 މޭ 2019 ވަނަ ދުވަހުން ފެށިގެން ލިބިފައިވާ ކަދުރު ހުސްވަންދެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް