ގަމުގައި މީހަކު ރަހީނުކޮށް ތޫނު ހަތިޔާރުން ބިރުދައްކައި ފައިސާ ފޭރިގެންފި

ލ. ގަމުގައި މީހަކު ރަހީނުކޮށް އެމީހާގެ އަތުން ފައިސާ އަތުލައި އެމީހާގެ އަތުން އިތުރު ފައިސާ ހޯދަން އުޅުނު ދެމީހެއްގެ ތެރެއިން އެކަކު ހައްޔަރުކޮށްފިއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެ...

04 May 2019 | 12:23

ލ. ގަމުގައި މީހަކު ރަހީނުކޮށް އެމީހާގެ އަތުން ފައިސާ އަތުލައި އެމީހާގެ އަތުން އިތުރު ފައިސާ ހޯދަން އުޅުނު ދެމީހެއްގެ ތެރެއިން އެކަކު ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލ. ގަމުގައި 44 އަހަރުގެ ފިރިހެނަކު ރަހީނުކޮށް ތޫނު ހަތިޔާރު ބޭނުންކޮށް ބިރުދައްކައި، އޭނާގެ އަތުން 8900 ރުފިޔާ ފޭރުމަށްފަހު އިތުރު ފައިސާ ހޯދަން އެދެމުންދާކަމަށް ފުލުހުންނަށް މައުލޫމާތު ލިބުމުން އޮޕަރޭޝަނެއް ހިންގި ކަމަށެވެ.

އެގޮތުން ހުކުރު ދުވަހުގެ ރޭ 22:45 ހާއިރު އެމީހާ އަތުން އިތުރު ފައިސާ ނެގުމަށް ދެމީހަކު ލ. ގަމު ޕްރޮވިންސް އޮފީސް ކައިރީގައި ހަރަކާތްތެރިވަމުންދަނިކޮށް، އެ ދެމީހުން ހައްޔަރު ކުރުމަށް ފުލުހުން ކުރި މަސައްކަތުގައި އެކަކު ހައްޔަރު ކުރެވުނު ކަމަށާއި ނަމަވެސް އެކަކު ސައިކަލުގައި ފިލީ ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ ރަހީނު ކުރުމުގެ ޝިކާރައައަށްވި މީހާގެ ހާލު ރަނގަޅު ކަމަށާއި މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް