އިންޑިއާގެ އިރުމަތީ އޮޑީޝާގައި އޮންނަ އަވަށެއް ކަމަށްވާ ބޫބަނޭޝްވަރުގައި އުފަންވި ކުއްޖަކަށް، މިހާރު ދެކުނު އޭސިއާ ސަރަހައްދުގައި އުފެދިފައިވާ ތޫފާން ފޮނީގެ ނަން ދީފިއެވެ.
މި ތޫފާނަށް "ފޮނި" މި ނަން ދީފައިވަނީ ބަންގްލަދޭޝް އިންނެވެ. އެއީ މި ސަރަހައްދުގައި އުފެދޭ ތޫފާންތަކަށް މި ސަރަހައްދުގެ ގައުމުތަކުން ނަން ދެމުން އަންނައިރު މި ފަހަރު ނަން ދިނުން ބަންގްލަދޭޝަށް ލައްވާލުމުން ބަންގްލަދޭޝް އިން ދިން ނަމެކެވެ. އެ ނަމުގެ މާނައަކީ ހަރުފައެވެ.
ތޫފާން ފޮނީގެ ނަން ދިނީ ބޫބަނޭޝްވަރުގައި އިއްޔެ ހެނދުނު 11:03ގައި އުފަންވި އަންހެންކުއްޖަކަށެވެ. މި ތޫފާންގެ އަސަރު ބޫބަނޭޝްވަރަށްވެސް ކޮށްފައިވެއެވެ.
މި ސަރަހައްގައި މި ތޫފާނުގެ އަސަރު ދަށްވަމުން އަންނައިރު މި ތުފާނުގެ ނަން މި ކުއްޖާއަށް ކިޔުމުން ގިނަ ބަޔަކު އަންނަނީ މިކަމަށް ފާޑު ކިޔަމުންނެވެ. ތޫފާން ފޮނީގެ ނަން ދެވުނު ކުއްޖާގެ ހާލާއި އެ ކުއްޖާގެ މަންމަގެ ހާލު ރަނގަޅު ކަމަށް ބޫބަނޭޝްވަރުގެ ހޮސްޕިޓަލުން ބުނެފައިވެއެވެ. މި ކުއްޖާގެ މަންމައަކީ އެ ސަރަހައްދުގެ ރެއިލްވޭގައި ވަޒީފާ އަދާކުރަމުން އަންނަ އަންހެނެކެވެ.
ތޫފާން ފޮނި މި ނަން އިނގިރޭސިން ލިޔާއިރު Fani މިހެން އިން ނަމަވެސް މި ބަސް ޕްރަނައުންސް ކުރާ ގޮތަކީ Foni ކަމުގައި ބަންގްލަދޭޝް އިން ބުނެފައިވެއެވެ.
ތޫފާން ފޮނީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އަވަށްޓެރި އިންޑިއާއަށެވެ. މި ތޫފާނުގައި އިންޑިއާގެ އޮޑީޝާއިން އަށް މީހަކު މަރުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް