ރާއްޖެއަށް ހާއްސަކޮށްގެން އުރީދޫއިން ނެރޭ ވައިބާ ސްޓިކާ ޕެކޭޖު، "ފުޓުބޯޅަ" ތައާރަފުކޮށްފި އެވެ.
މިއީ އުރީދޫއިން ރާއްޖެއަށް ހާއްސަކޮށްގެން ނެރުނު ތިން ވަނަ ވައިބާ ސްޓިކާ ޕެކޭޖެވެ. އުރީދޫއިން ބުނީ މި ޕެކޭޖުގައި ހިމަނާފައިވަނީ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ފުޓުބޯޅަޔާ ގުޅުން ހުރި ގޮވެލިތަކެވެ.
އަލަށް ތައާރަފު ކުރި ސްޓިކާ ޕެކޭޖުގައި ހިމެނޭ ސްޓީކާތަކުގައިވެސް ލިޔުންތައް ހުންނަނީ ދިވެހި ބަހުންނެވެ. ހިލޭ ޑައުންލޯޑުކޮށްލެވޭ މި ޕެކޭޖުގައި ހުންނަ ބަސްތަކުގެ ތެރޭގައި "ގޯލް"، "ހިނގާ ކުޅެން ދާން؟"، "އަދި ޖަހާނެ"، "ފައިބާ"، "ބޮޑު ބޯޅަ"، "ތަށި ނަގާނަން މިފަހަރު" ހިމެނެއެވެ.
އުރީދޫއިން ބުނީ މަގްބޫލު ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ދިވެހި ބަހުރުވަޔާއި، އާދަކާދަތަކާއި، ދިވެހިންނާއި ގުޅުންހުރި ތަފާތު ކޮންޓެންޓް ހިމެނުމަކީ އުރީދޫއިން ވަރަށްވެސް އިސްކަންދޭ ކަމެއް ކަމަށެވެ. މިގޮތުން، ވައިބާ އަދި އެހެނިހެން ޕާޓްނަރުންނާއި ގުޅިގެން، ދިވެހި ރަހަތައް ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކަށް ގެނައުމަށް ކުރިއަށްއޮތްތަނުގައިވެސް މަސައްކަތް ކުރަމުންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މީސްމީޑިއާގައި ހިދުމަތްފޯރުކޮށްދޭ އުރީދޫގެ ސުމޭކީ މަދަދުގާރު ކަމަށްވާ އުރީދޫ ނެކްސްޓް ވެސް ވަނީ ދާދި ފަހުން ވައިބާގައި ތައާރަފްކޮށްފައެވެ. އާޓިފިޝަލް އިންޓެލިޖެންސް އާއި މެޝިން ލާނިން ބޭނުންކުރާ ރިއަލް ޓައިމް އޭޕީއައި ޕްލެޓްފޯމް އެއްގެ އެހީގައި ހިނގާ އުރީދޫ ނެކްސްޓް މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ މޮބައިލް ކަސްޓަމަރަކަށްވެސް، ފޭސްބުކް މެސެންޖަރ އަދި ވައިބަރ ފަދަ މީސްމީޑިއާގައި އުރީދޫ އާއި ބެހޭ ތަފާތު މައުލޫމާތު ސާފުކޮށް، ހިދުމަތް ހޯދޭނެއެވެ.
ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރުމުގައި ކަސްޓަމަރުންނަށް އިތުރު ފަސޭހަތައް ގެނެސްދީ، ތަފާތު އުފާވެރި ތަޖުރިބާތަކާއި ގުޅުވާލަދިނުމަށް، އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަމުންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް