މާޗް މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 2.1 ޕަސެންޓު ދަށްވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން އާންމުކޮށް ރާއްޖެއަށް ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރެއިން އިންޑިއާ ފިޔަވާ ހުރިހާ ގައުމުތަކަކުން އައި ޓޫރިސްޓުންގެ އަދަދު ވަނީ މަދުވެފައި އެވެ. ޓުރިސްޓުން އައި މިންވަރު މަދުވެފައިވާ ގައުމުތަކުގެ ތެރޭގައި ޗައިނާ، އިނގިރޭސި ވިލާތް، ޖަރުމަނުވިލާތް އަދި މެދުއިރު މަތީގެ ގައުމުތަކާއި އޭޝިއާ ބައެއް ގައުމުތައް ހިމެނެ އެވެ.
އިންޑިއާއިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 15 ޕަސެންޓު މަތިވިޔަސް ރާއްޖެއަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ ޗައިނާއިން ޓޫރިސްޓުންގެ އަދަދު ވަނީ 18 ޕަސެންޓު ދަށަށް ގޮސްފައި އެވެ. އިނިގރޭސިވިލާތުން އައި ޓޫރިސްޓުންގެ އަދަދު ނުވަ ޕަސެންޓު ދަށްވެފައި ވާއިރު ޖަރުމަނުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 23 ޕަސެންޓު ދަށްވެފައި އެވެ.
މީގެ ކުރިން ރާއްޖެއަށް އެންމެ ގިނަ މީހުން އައި އިޓަލީން މާޗްމަހު އައި ޓޫރިސްޓުންގެ އަދަދު އިތުރުވެފައިވެ އެވެ. އެގޮތުން އިޓަލީން އައި ޓުރިސްޓުންގެ އަދަދު ނުވަ ޕަސެންޓު އުތުރުވެފައި އެވެ. އޭޝިއާގެ ބައެއް ގައުމުތަކުން އައި ޓޫރިސްޓުންގެ އަދަދު ވަނީ އަށް ޕަސެންޓު ދަށްވެފައި އެވެ.
މިދިޔަ މަހު ރާއްޖެ އަށް މަހު 112،665 ޓޫރިސްޓުން އައިސްފައިވާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 115،131 ޓޫރިސްޓުންނެވެ.
މާޗްމަހު އައި ޓޫރިސްޓުންގެ އަދަދު ދަށްވިޔަސް މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހާ އަޅާ ބަލާއިރު މިއަހަރު ޓޫރިސްޓުން އައި މިންވަރު ވަނީ ހަތަރު ޕަސެންޓު އިތުރުވެފައި އެވެ. އެކަމަކު ރާއްޖޭގެ ޓޫރިސްޓު އެނދުގެ އޮކިއުޕަންސީ ވަނީ 70.9 ޕަސެންޓުން 60.7 ޕަސެންޓަށް ދަށްވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް