ބަޔަކު ދަނީ ހައްޖު ކޯޕަރޭޝަން ނައްތާލުމަށް މަސައްކަތް ކުރަމުން: ޝަހީމް

ހައްޖަށް ދިއުމުގައި އާންމުންނަށް ދިމާވަމުންދާ ދަތިތައް ހައްލު ކުރުމަށް ސަރުކާރުން އުފެއްދި ހައްޖު ކޯޕަރޭޝަން ނައްތާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ހައްޖު ކޯޕަރޭޝަން ވުޖޫދަށް ގެނައުމުގައި އި...

04 May 2017 | 05:01

ހައްޖަށް ދިއުމުގައި އާންމުންނަށް ދިމާވަމުންދާ ދަތިތައް ހައްލު ކުރުމަށް ސަރުކާރުން އުފެއްދި ހައްޖު ކޯޕަރޭޝަން ނައްތާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ހައްޖު ކޯޕަރޭޝަން ވުޖޫދަށް ގެނައުމުގައި އިސްދައުރެއް އަދާކުރެއްވ އޭރުގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ހައްޖު ކޯޕަރޭޝަން އުފެއްދީ ރައީސް ޑރ މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ވަނަ އަހަރު އެވެ.

ޑރ ޝަހީމް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ހައްޖު ކޯޕަރޭޝަނަށް މިހާރު ދެމުންދާ ހައްޖު ކޯޓާގެ އަދަދު މަދުކޮށް، ހައްޖު ކޯޕަރޭޝަން ނައްތާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ޝަހީމް ތުހުމަތު ކުރައްވާގޮތުގައި އެކަން ކުރަނީ ހައްޖަށް މީހުންގެންދާ ގްރޫޕުތަކުގެ މަންފާ އާއި ނުފޫޒުގެ ދަށުވެފައިވާ ބަޔަކު ކަމަށެވެ.

އެކަމަކު އެއީ ކޮން ފަރާތްތަކެއް ކަމެއް ނުވަތަ ކޮން ފަންތިއެއްގެ ބައެއް ކަމެއް ހާމައެއް ނުކުރައްވައެވެ.

https://twitter.com/Mohamedshaheem1/status/859983166659993600

ޝަހީމް މިހެން ވިދާޅުވެފައިމިވަނީ ހައްޖަށް މީހުން ގެންދަން ބޭނުންވާ ކުންފުނިތަކުން އެކަމަށް އެދި އިސްލާމިކް މިނިސްޓްރިއަށް ހުށަހެޅުމުގައި ހައްޖު ކޯޕަރޭޝަން އިސްތިސްނާ ކޮށްފައި ނުވާތީ އާއި، ހައްޖު ކޯޕަރޭޝަނަށް ކޯޓާ ދިނުމުގައި ވަކި ހާއްސަ އުސޫލެއް މިއަހަރު ނެތުމުން ކަމަށް ބެލެވެ އެވެ.

މީގެ ކުރިން ހައްޖަށް މީހުން ގެންދިއުމުގައި ރާއްޖެއަށް ލިބޭ ކޯޓާގެ 50 ޕަސެންޓު ދެނީ ހައްޖު ކޯޕަރޭޝަނަށެވެ. މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް 16 ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހަޅާފައި ވާއިރު ކޯޓަ ދިނުމުގައި އަމަލު ކުރާނެ ވަކި އުސޫލެއް އަދި އާންމުކޮށްފައެއް ނުވެ އެވެ.

ހައްޖު ކޯޕަރޭޝަނަކީ ރައްޔިތުންގެ ވަރަށް ބޮޑު އިތުބާރެއް ލިބިފައިވާ ކުންފުންޏެކެވެ. އެގޮތުން ކުންފުނިން މީހުން ހައްޖަށް ގެންގޮސްދޭ އަގާއި ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކަމުން އާންމުން ހިތްހަމަ ޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް