ފިޔާ، އަލުވި، ބިސް އަދި މުގު ރީޓެއިލްކޮށް ވިއްކޭނެ އެންމެ ބޮޑު އަގެއް ކަނޑައަޅައި އެކަމާ ހިލާފުވެއްޖެނަމަ ޖޫރިމަނާކުރާނެކަން އިކޮނޮމިކް މިނިސްޓްރީން އަންގައިފިއެވެ.
މިކަން އަންގާފައިވަނީ މިއަދު ކޮށްފައިވާ އިއުލާނެއްގައެވެ.
އެ އިއުލާނުގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 96/01 (މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު)ގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން، މިވަގުތު އިޤްތިޞާދީ ޙާލަތު ހުރި ގޮތަށް ރިޢާޔަތްކޮށް، ބައެއް ތަކެތިން އަގު ކޮންޓްރޯލްކުރުމަށް ނިންމައި 6 އެޕްރިލް 2020 އިން ފެށިގެން، ތިރީގައި ބަޔާންކުރާ ބާވަތްތައް ވަކިވަކިން (ރީޓެއިލް) ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅައި، އެކަން ޢާންމުކޮށް އަންގައި އިޢުލާނުކުރާކަމަށެވެ.
އެގޮތުން އާދައިގެ ރަތް ފިޔާ ކިލޯއެއްގެ މަގުން ރީޓެއިލްކޮށް ވިއްކުމުގައި އެންމެ ބޮޑުކޮށް ވިއްކޭނެ އަގަކީ ކިލޯއެއް 20 ރުފިޔާއަށް ކަމަށް އަންގާފައިވެއެވެ. އަދި ކިލޯއެއްގެ މަގުން އަލުވި ރީޓެއިލްކޮށް ވިއްކާއިރު އެންމެ ބޮޑުކޮށް ވިއްކޭނެ އަގަކީވެސް 20 ރުފިޔާ ކަމަށް އަންގާފައިވެއެވެ. މީގެ އިތުރުން ރީނދޫ މުގު ކިލޯއެއްގެ މަގުން ވިއްކާނަމަ އެންމެ މަތި ކުރެވޭނީ ކިލޯއެއް 45 ރުފިޔާއަށް ކަމަށާއި ހުދު ކުކުޅުބިހެއްގެ އަގު އެންމެ ބޮޑުކުރެވޭނީ 1.80 ލާރިއަށް ކަމުގައިވެސް އަންގާފައިވެއެވެ.
މި އަގުތައް ކޮންމެ ހަފްތާއަކު މުރާޖަޢާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
"މި އިޢުލާނުގައި ބަޔާންކޮށްފައިވާ އަގަށްވުރެ ބޮޑުކޮށް އަގު ކޮންޓްރޯލުކޮށްފައިވާ މުދަލެއް ވިއްކައިފި ނަމަ، ޚިލާފުވާ ފުރަތަމަ ފަހަރު، އެ ފަރާތެއް އެންމެ ގިނަވެގެން 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ." މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.
އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އެ ފަރާތް އެންމެ ގިނަވެގެން 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް، އަދި 6 (ހައެއް) މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގޭނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް