ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގަމު ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ އާދަމް އާސިފަށް ތާއީދު ކުރައްވަން ނިންމަވާފައި ނުވާނެކަމުގައި އެ ދާއިރާއަށް ރައީސް މައުމޫންގެ ތާއީދުފުޅާއެކު އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓް ފަރުހާދު ދާއުދު ވިދާޅުވެއްޖެއެވެ.
ފަރުހާދު މިހެން ވިދާޅުވެފައިވާއިރު މިއަދު ގަމުގައި ކުރިއަށްދިޔަ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ފަރުހާދު ދާއޫދު، ޖޭޕީ ކެނޑިޑޭޓް އާދަމް އާސިފަށް ތާއީދު ކުރައްވަން ނިންމަވާފައިވާކަމަށެވެ.
ނަމަވެސް ދުވަހަށް މައުލޫމާތު ދެއްވަމުން ފަރުހާދު ވިދާޅުވީ އެއީ އަދި ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ. އަދި އެއްވެސް ކެނޑިޑޭޓަކަށް ތާއީދުކުރަން ނިންމާފައި ނުވާކަމަށެވެ. އަދި ޖޭޕީގެ ލީޑަރު އެހެން ވިދާޅުވީ މައުލޫމާތުގެ ކުށަކުން ކަމުގައި ގަބޫލުފުޅު ކުރެއްވޭކަމުގައިވެސް ފަރުހާދު ވިދާޅުވިއެވެ.
ގަމު ދާއިރާއަށް ފަސް ކެނޑިޑޭޓަކު ވާދަކުރެއެވެ. އެއީ އަމިއްލަ ގޮތުން ތިން ކެނޑިޑޭޓަކާއި އެމްޑީޕީ އަދި ޖޭޕީގެ ކެނޑިޑޭޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް