ތިމަރަފުށީ ދާއިރާގެ ވޯޓާރސް ލިސްޓުގައި ހަތް މީހެއްގެ ނަން ހިމަނައިދިނުމަށް އެދި ހައިކޯޓަށް ހުށަހެޅި މައްސަލާގައި އަމުރެއް ނެރެދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ހައި ޚޯޓުން ހުކުމް ކޮއްފިއެވެ.
މި ހަތް މީހުން ހައި ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އެމީހުންގެ ރަށްވެހިކަމުގެ ނަން ތިމަރަފުއްޓަށް ބަދަލު ކުރުމަށް ހުށަހަޅާފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަނުން ޢާއްމުކުރި ވޯޓަރސް ލިސްޓުގައި އެ މީހުންގެ ނަން ނެތުމުންނެވެ.
އަދި މި ހަތް މީހުން ވެސް މައްސަލަ ހުށަހަޅާފައިވަނީ ވަކި ވަކިންނެވެ. އެގޮތުން، އެ މީހުންގެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީވެސް ވަކި ވަކިންނެވެ.
އިންތިހާބާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ޝަކުވާއާއި ގުޅިގެން ހިތްހަމަ ނުޖެހޭނަމަ އެ މައްސަލައެއް ފަސް ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހޭނެ ކަމަށާއި، ގާނޫނުތަކުގައި ބަޔާންކުރައްވާފައިވާއިރު މި ހަތް ފަރާތުން ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އެ މުއްދަތުގެ ފަހުން ކަމަށް ހައިކޯޓުން ކުރި ހުކުމްގައި ވިދާޅުވެފައިވެއެވެ.
އަދި މި ހަތް މީހުންގެ ތެރެއިން ބައެއް މީހުންގެ ރަށްވެހިކަން ބަދަލު ކޮއްފައިވަނީ އެކަމަށް ކޮމިޝަނުން ދިން މުއްދަތުގެ ފަހުން ކަމަށް ވެސް އެ ހުކުމުގައި ފާހަގަ ކޮއްފައިވެއެވެ.
ހަމައެއާއެކު، އިލެކްޝަނުން ދޭ މުއްދަތުތައް ފަހަނައަޅާ ދިއުމަށް ފަހު ރަށްވެހިކަން ބަދަލުކޮށްފި ނަމަ، ވޯޓުލުމުގެ ހައްގު ގެއްލުނަސް މައްސަލައެއް ނެތް ކަމަށް އިގްރާރެއްގައި އޭގެ ތެރެއިން ބައެއް މީހުން ސޮއިކޮށްފައި އޮތުމާއިއެކު، އެ މީހުން ރަށްވެހިކަން ބަދަލުކުރީ ވޯޓުލުމުގެ ހައްޤު ގެއްލިދާނެކަން އެނގިހުރެ ކަން އެނގޭ ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް