ކުރީގެ ހޯމް މިނިސްޓަރު އަދި ހުޅުމާލެ ދާއިރާއަށް ވާދަކުރާ އަޒްލީން އަހުމަދަކީ އިޚްލާސްތެރި ބޭފުޅެއް ނޫންކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމް- ޕީއެންސީ ޓިކެޓުގައި ހުޅުމާލެ ދާއިރާއަށް ވާދަކުރާ ކެނޑިޑޭޓް އަދި ޔޫތު މިިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ފައިސަލްއަށް ތާޢީދު ހޯދުމަށް ހުޅުމާލޭގައި އަންގާރަދުވަހުގެރޭ ބޭއްވި ޖަލްސާގައި ފޯނުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ހުޅުމާލެ ދާއިރާއަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ތާޢީދުކުރަނީ ފައިސަލްއަށްކަމަށާއި އިތުރު އެއްވެސް ބޭފުޅަކަށް އެމަނިކުފާނުގެ ތާޢީދެއް ނޯންނާނެކަމަށެވެ. އަދި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ގެންދަވަނީ ރައީސް ޔާމީންގެ ތާޢީދު އޮތްކަމަށް ބުނެ އިތުރުފުޅު ހައްދަވަމުންކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. އަދި ޤައުމަށް ހަމަޖެހުން ގެނެސް، ތަރައްޤީ ދެމެހެއްޓުމަށްޓަކައި ރައީސް ޔާމީނަށް ތާޢީދުކުރާ ހުރިހާ ބޭފުޅުންވެސް ފައިސަލްއަށް ވޯޓްދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގަތެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި ފައިސަލްއަކީ ޕީޕީއެމްއާއި ޤައުމަށް އިޚްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ. މިގޮތުން ރައީސް ޔާމީން ޕީއޭ އުފައްދަވައިގެން އުޅުއްވި ދުވަސްވަރުން ފެށިގެން، މިއަދާ ހަމައަށްވެސް ފައިސަލް ގެންދަވަނީ އިޚްލާސްތެރިކަމާއެކު މަސައްކަތްކުރައްވަމުންކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ފައިސަލް ހުރުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދުމެއްކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
މިޖަލްސާގައި ވާހަކަފުޅު ދެއްކެވި ޕީޕީއެމްއާއި ޕީއެންސީގެ އިސްބޭފުޅުންވެސް ވަނީ އަޒްލީން އަހުމަދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މިގޮތުން ޕީޕީއެމްއާއި ޕީއެންސީގެ ކެނޑިޑޭޓަކު ވާދަކުރާ ދާއިރާއަކަށް އަޒްލީން އަހުމަދު ވާދަކުރަނީ ޕީޕީއެމްއަށް ގެއްލުންދިނުމުގެ ނިޔަތުގައިކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ. އަދި ފައިސާއާއި މަޤާމުގެ ދަހިވެތިކަމުގައި އަޒްލީން ކުރައްވަމުން ގެންދަވާ ކަމެއްކަމަށްވެސް އެބޭފުޅުން ފާހަގަކުރެއްވިއެވެ.
ޕީޕީއެމް- ޕީއެންސީ ޓިކެޓުގައި ހުޅުމާލެ ދާއިރާއަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ފައިސަލް ވާދަކުރައްވާއިރު، ހުޅުމާލޭގެ ގިނަ ރައްޔިތުންތަކެއްގެ ތާޢީދު އޭނާއަށް އެބައޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް