އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްއާރުއެމްގެ ތާއީދާއެކު ނުވަތަ ރައީސް މައުމޫންގެ ތާއީދާއެކު ކުރިމަތިލައްވާ ކެނޑިޑޭތުންނަކީ އަޅުގަނޑުގެ ތާއީދާއެކުގައި ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންނަކީ ތެދުވެރިކަމާ އަމާނާތްތެރިކަމާއެކުގައި ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރައްވާނެ ބޭފުޅުން ކަމުގައި އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
"އަޅުގަނޑު ދަންނަވާލަން މިއުޅެނީ އަޅުގަނޑުގެ ތާއީދާއެކީގައި ނުވަތަ އެމްއާރުއެމްގެ ތާއީދާއެކީގައި ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ވާހަކަ. އަޅުގަނޑުގެ ތާއީދާއެކުގައި ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންނަކީ ތެދުވެރިކަމާ އަމާނާތްތެރިކަމާއެކުގައި ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރައްވާނެ ބޭފުޅުން" ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމުން ވިދާޅުވީ އެ ކެނޑިޑޭޓުން އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ދަމަހައްޓަވާ ރާއްޖޭގެ މިނިވަންކަމާ ސިޔާދަތު ހިފެހެއްޓުމަށް މަޖިލީހުގައި މަސައްކަތް ކުރައްވާނެ ކަމަށާއި އަދި ރައްޔިތުން އިތުބާރު ކުރާ އިންސާފުވެރި ޝަރުއީ ނިޒާމެއް ގާއިމް ކުރުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކޮށްދެއްވާނެކަމަށެވެ.
"މިނިވަން މުއައްސަސާތަކާ އަދި އެހެން ފަރާތްތައް ޒިންމާދާރު ކުރުވާ ރާއްޖޭގެ ސިޔާސީ ނިޒާމް ހަރުދަނާ ކުރުމަށް އެ ބޭފުޅުން މަސައްކަތް ކުރައްވާނެ، އަދި އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ދަމަހައްޓަވާ ކޯލީޝަން މެނިފެސްޓޯގައިވާ ވައުދުތައް ހަގީގަތަކަށް ހެދުމުގައި މަސައްކަތް ކުރައްވާނެ، އަދި ރާއްޖޭގައި ފެތުރިފައިވާ ކޮރަޕްޝަނާ ފަސާދައިގެ އަމަލުތައް ސަރުކާރު މުއައްސަސާތަކުން ސަލާމަތް ކޮށްދެއްވާނެ." ރައީސް މައުމޫން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ތާއީދާއެކު ކުރިމަތިލައްވާ ކެނޑިޑޭޓުން ގެދޮރުވެރި ކުރުމަށް މަސައްކަތްކުރައްވާ ޖިންސުގެ ހަމަހަމަކަން އަޅުގަނޑުމެންގެ ގައުމީ ހަޔާތުގައި އިތުރަށް ހަރުދަނާކުރައްވާ، މިނިވަން ވިޔަފާރިއާ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ އިންކަމްޓެކްސް ނެގުމާ ރައްޔިތުންނަށް ފައިދާހުރި އެންމެހާ ކަންކަމުގައި ރައްޔިތުންގެ އަޑު ސާބިތު ކަމާއެކު މަޖިލީހުގައި އުފުއްލަވާނެ މެމްބަރުން ކަމުގައިވާނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮންމެ ދާއިރާއެއްގެ ބޭފުޅުންވެސް ވިސްނަވާނެ ކޮން ކެނޑިޑޭޓަކަށްތޯ އެބޭފުޅުން ވޯޓުދެއްވާނީ، އެބޭފުޅުންގެ ނަޒަރުގައި އެންމެ އަމާނާތްތެރި އެންމެ ނަޒާހާތްތެރި އެންމެ އިތުބާރު ކުރެވޭ އެންމެ ގާބިލު ކެނޑިޑޭޓަށް. މިގޮތަށް ތިބޭފުޅުން ކަންތައް ކުރައްވައިފިނަމަ އަޅުގަނޑު ދެކޭގޮތުގައި އަލަށް ހޮވޭ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ވަރަށް ނަޒާހާތްތެރި ވަރަށް މަސްއޫލިއްޔަތު އުފުލާ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރައްވާ މަޖިލީހަކަށް. ރައްޔިތުން ބޭނުންވާ ގޮތަށް ގާނޫނުތައް ބައްޓަން ކުރައްވާ އަދި ގާނޫނުތައް އިސްލާހު ކުރައްވާ އަދި އެހެން ކަންތައްތައްވެސް ރައްޔިތުން ބޭނުންވާ ގޮތަށް ކުރައްވަމުން ގެންދަވާ މަޖިލީހަކަށް." ރައީސް މައުމުން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ އެހެންވެއްޖެނަމަ ކުރިއަށް އޮތް ފަސް އަހަރު ވާނީ ދިވެހިރާއްޖެއަށް އިތުރު ތަރައްގީއާ ކާމިޔާބީ ހާސިލުވާ ފަސް އަހަރަށް. މި ރާއްޖޭގެ އަމާންކަމާ ސުލްހަ މަސަލަހަ ދެމެހެއްޓޭނެ ތަރައްގީގެ ފަސް އަހަރަށް ކަމަށެވެ. އެހެންވީމާ އެގޮތުގެ މަތިން ހުރިހާ ރައްޔިތުން އަމަލުކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް ކަމުގައިވެސް އެމަނިކުފާނުގެ އޯޑިއޯ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް