މުޅި މަޖިލީހުގެ މެޖޯރިޓީ ވަކި ޕާޓީއަކަށް ދިނުން ރަނގަޅުތަ ؟

19 ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބަށް 48 ގަޑިއިރަށްވީއިރު އެންމެ ގަދަޔަށް ދެކެވެމުން އަންނަ އެއް ވާހަކައަކީ ވަކި ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ ދިނުމުގެ މުހިންމު ވާހަ...

04 Apr 2019 | 07:36

19 ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބަށް 48 ގަޑިއިރަށްވީއިރު އެންމެ ގަދަޔަށް ދެކެވެމުން އަންނަ އެއް ވާހަކައަކީ ވަކި ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ ދިނުމުގެ މުހިންމު ވާހަކައެވެ. މި ވާހަކަ އެންމެ ގަދަޔަށް ދައްކާ އެއް ޕާޓީއަކީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީ އެވެ.

ނަމަވެސް މައި ޕާޓީން މި ވާހަކަ ދެއްކި ނަމަވެސް މިކަމާ ދެކޮޅަށް އަޑު އުފުލާ ފަރާތްތަކުން ބުނަނީ މިއީ އަދި މުޅިން ރަނގަޅު ގޮތެއް ނޫންކަމަށެވެ. ވަކި ޕާޓީއަކަށް މަޖިލީހުގެ ސާފު އަގުލަބިއްޔަތު ދީފި ނަމަ ކަންތައްތަކެއް ގޯހުން ގޯހަށް ދިއުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ.

އެގޮތުން އެ ފަރާތްތަކުން ދައްކާ އެއް ވާހަކައަކީ ވަކި ބަޔަކަށް މެޖޯރިޓީ ދީފިނަމަ މުޅި ރައްޔިތުންގެ ޝާމިލުވުމުގެ ބަދަލުގަ ވަކި ސިޔާސީ ފިކުރަކަށް ނިންމުންތައް ނިމިގެން ދާނެ ވާހަކައެވެ. ހުރިހާ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ނުވާނެ ވާހަކައެވެ. ވެރިކަން ކުރާ ޕާޓީއަށް މެޖޯރިޓީ ލިބިއްޖެ ނަމަ، މަޖިލީހުގެ އެންމެ މުހިންމު އެއް ދައުރު ކަމުގައިވާ ޖަވާބުދާރީ ކުރުވުމުގެ ދައުރު އެ މަޖިލީހަށް އަދާ ނުކުރެވޭނެ ކަމުގެ ވާހަކައެވެ.

މިފަދަ ކަންތައްތަކެއް ނިމިދިޔަ، ރައީސް ޔާމީންގެ ވެރިކަމުގައިވެސް ފެނިގެން ގޮސްފައިވެއެވެ. ފެނިގެން ދިޔައީ ރައްޔިތުންގެ މަޖިލީހަކީ ރައީސް އޮފީހުން ނުވަތަ މައި ޕާޓީން ފޮނުވާހާ ބިލަކަށް ރަބަރ ސްޓޭމްޕް ޖަހަން ތިބޭ ބަޔަކަށް ވެގެންދިޔަތަނެވެ. އެއް ބާރު އަނެއް ބާރަށް ފާރަވެރި ނުވެވި ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް މަޖިލީހުގެ ބާރުވެސް ހަނިކޮށް ވެރިކަން ކުރާ ބާރަށް ކަންތައްތަކެއް ބައްކުރަމުންދިޔަ ތަނެވެ. ސަރުކާރު ބާރުވެރި ކުރުވުމަށް އެއްވެސް މަސައްކަތެއް ކުރިތަނެއް ފެނިގެނެއް ގޮސްފައެއް ނުވެއެވެ.

ހަމަ އެ ބީދައިން މި ފަހަރުވެސް އެމްޑީޕީއަށް މެޖޯރިޓީ ލިބިއްޖެ ނަމަ ސަރުކާރު ޖަވާބުދާރީ ކުރުމަށް ކަމެއް ކޮށްފާނެ ކަމާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

މީގެ އިތުރުން މިކަމަށް ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރާ ވަރަށް މުހިންމު އެއް ކަމެއް އެބައޮތެވެ. އެއީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމުގެ ފުރުސަތު ފަހިވެގެންދާކަމަށް ދެކެވޭ ވާހަކައެވެ. ވެރިކަން ކުރުމުގެ ނިޒާމުގެ ވާހަކަ އެންމެ ގަދައަށް ދައްކަވާ އެއް ބޭފުޅަކީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.

ޕޯޑިއަމްތަކުގައި ފާޅުގައި ރައީސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ބީދައިން އެތައް ފަހަރަކު ވާހަކަފުޅު ދައްކަވާފައެވެ. އަދި ރައީސް  ނަޝީދުގެ އެންމެ ބޮޑު އެއް ޓާގެޓަކީ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑުވަޒީރު ކަމުގެ މަގާމަށް ވަޑައިގަތުން ކަމުގައި ވާހަކަ ދެކެވެމުންދެ އެވެ.

ނަމަވެސް އެމްޑީޕީއަށް ސާފު މެޖޯރިޓީ ދޭންޖެހޭ ކަމަށް ގަބޫލުކުރާ ބަޔަކުވެސް އުޅެއެވެ. އެ ފަރާތްތަކުން ބުނަނީ ސަރުކާރުން ހާސިލުކުރަން ބޭނުންވާ ކަންކަން ހާސިލުވާނީ ފުލް މެޖޯރިޓީ އެމްޑީޕީއަށް ލިބިގެން ކަމަށެވެ. އެހެން ނަމަވެސް މިހާރު އުފެދިފައި މިއޮތް ސަރުކާރަކީ ކޯލީޝަން ސަރުކާރެކެވެ. މި ސަރުކާރުގައި އެމްޑީޕީގެ އިތުރުން އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި ރައީސް މައުމޫނު ހިމެނިވަޑައިގަންނަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް