ރާއްޖޭގެ ޖަޒީރާވަންތަކަން ދެމެހެއްޓުމަށްޓަކައި، ތިމާވެއްޓަށް ރައްކާތެރިވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ ކިބައިން އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދު ހެނދުނު ހުޅުމާލޭގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ބޯފެން އުފެއްދުމުގައި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުމާ މެދު ވިސްނުމަށް އެދިވަޑައިގެންފައެވެ. އަދި ވާރޭ ފެން ރައްކާކުރުން ފަދަ، ތިމާވެއްޓާ ރަޙްމަތްތެރި ގޮތްތައް ބޭނުންކުރުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން އެމް.ޑަބްލިޔޫ.އެސް.ސީ އިން ގޭބިސީތަކަށް ގުޅައިދީފައިވާ ފެނަކީ، މުޅި މި ސަރަޙައްދުން ވެސް ލިބެން ހުރި އެންމެ ފެންވަރު ރަނގަޅު އެންމެ ސާފު ބޯފެން ކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި އެމް.ޑަބްލިޔޫ.އެސް.ސީގެ އިސްކުރުތަކުން ލިބޭ އަގުހެޔޮ ރައްކާތެރި ސާފު ފެން ބޯން ފަށައިފި ނަމަ، ޚަރަދު ކުޑަކުރެވޭނެ ކަމަށާއި، ޕްލާސްޓިކް ބޭނުންކުރުން މަދުކުރެވޭނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ އަންނަ އަހަރުގެ ފަހުކޮޅު، ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި މީހުން ވަޒަންވެރިވާން ފަށާއިރު، އެތަނުގެ ކޮންމެ ގޭބިސީއަކަށް ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭނެކަމުގައި ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް