ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑް ކުޅުނު މެޗުން 2-1 އިން އެ ޓީމު ވެލެންސިއާގެ އަތުން ބަލިވެއްޖެއެވެ. މިއީ އެ ރެއާލްއަށް ޗެމްޕިއަންސް ލީގުގެ ތަށީގެ ހެޓްރިކެއް ހަދައިދިން ކޯޗުގެ އެނބުރި އައުމަށްފަހު ކުރިމަތިލާން ޖެހުނު ފުރަތަމަ ބައްޔެވެ. ޒިދާން 2 ވަނަ ފަހަރަށް ކްލަބާ ހަވާލުވެ ފުރަތަމަ ދެ މެޗުން ރެއާލްއާއެކު ވަނީ ކާމިޔާބު ހޯދާފައެވެ.
ވެލެންސިޔާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް ގޯލު ހުޅުވާލަދިނީ ގޮންކާލޯ ގުއިޑެސްއެވެ. ވެލެންސިޔާއިން ގޯލުގެ ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ރެއާލްގެ ގޯލްކީޕަރ ނާވަސް އަތުން ޖަހައި ފޮނުވާލުމުން ކާލޯސް ސޮލާއަށް ލިބުނުއިރު، ރެއާލްގެ ޑިފެންޑަރުން ކައިރިނުކުރުމުގެ ފައިދާނަގައި، އޭނާ ދިން ބޯޅަ ގުއިޑެސް ފޮނުވާލީ ގޯލުގެ ކަނާތު ތިރީ ކަނަށެވެ.
ރޭގެ މެޗުގެ ކުރިން ރެއާލް ހުއެސްކާއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ފަހު ވަގުތު އުނދަގޫ މޮޅެއް ލިބުނުއިރު، ރޭގެ މެޗުގައި ފުރަތަމަ 11 ގެ މުހިންމު ކުޅުންތެރިން އެނބުރި އައުމުން ވެސް އެންމެ އެދެވޭ ކުޅުމެއް އެ ޓީމަށް ދެއްކޭގޮތެއް ނުވިއެވެ.
ދެ ވަނަ ހާފުގައި ޑެނިއަލް ޕެރެހޯ ނަގައިދިން ކޯނަރަކުން އެޒެކުއެލް ގަރޭ ޖަހައިދިން ލަނޑުން ވެލެންސިޔާ ލީޑު ފުޅާކުރިއެވެ.
ރެއާލްއަށް ރޭގެ މެޗުން ލިބުނު ހަމަ އެކަނި ހިތްހަމަ ޖެހުމަކީ މެޗުގެ ފަހު ވަގުތު ޓީމުގެ ފޯވާޑް ބެންޒެމާ ޖެހި ލަނޑެވެ.
މި މޮޅާއެކު ވެލެންސިޔާއިން ވަނީ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލާފައެވެ. އެ ޓީމު ގަދަ 4 އަށް އަރަން ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. އަނެއްކޮޅުން، ރޭގެ މޮޅާއެކު ވެލެންސިޔާއިން މި ވަނީ ލީގުގައި ބަލިނުވެ 17 މެޗު ހަމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް