ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރު ދަޅުތަކެއް މާލެ އެތެރެކޮށް، ގުދަންކޮށްގެން އޭގެ ވިޔަފާރި ކުރަން އުޅުނު ބަޔަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ރޭ މި މައްސަލައިގަ ހަ މީހަކު ހައްޔަރު ކުރި އެވެ. އެއީ ހަތަރު ދިވެހިންނާއި ދެ ބިދޭސީ އެކެވެ. ފުލުހުން ބުނީ ހައްޔަރު ކުރި ދިވެހިންނަކީ މީގެ ކުރިން ބަނގުރަލާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑު އޮންނަ މީހުން ކަމަށާއި ބިދޭސީންނަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ދެމީހުން ކަމަށެވެ.
އެމީހުން ހައްޔަރު ކުރީ އެތަކެތި މާލެ ގެނެސް ގުދަން ކުރަމުންދަނިކޮށެވެ. ފުލުހުން ބުނީ އެ ގުދަނުން 400 އަށް ވުރެ ގިނަ ބަނގުރާ ފުޅި އާއި 80 އަށް ވުރެ ގިނަ ބިޔަރު ދަޅު ފެނިފައިވާ ކަމަށެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓްގެ އެކްޓިން ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް ރަޖްނީ ޝުއައިބު ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެ ތަކެއްޗަކީ ހުޅުމާލޭގައި ހުންނަ ބޮންޑެޑްވެއާ ހައުސްއިން ސަފާރީއަކަށް ދޫކުރި ތަކެތި ކަމަށެވެ. އަދި އެތަކެތި މާލޭގައި ބަހެއްޓުމުގެ މަސައްކަތް ކުރަމުންދިޔައީ ބަނގުރަލުގެ ވިޔަފާރި ކުރުމަށް ކުއްޔަށް ހިފާފައި ހުރި ގެއެއްގައި ކަމަށެވެ.
ރަޖްނީ ވިދާޅުވީ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ރަލާއި ބިޔަރުގެ ވިޔަފާރި ކުރުމަށް ދޭ ހުއްދައިގެ ބޭނުން ބައެއް ފަރާތްތަކުން ނާޖާއިޒް ގޮތުގައި ހިފައިގެން މާލެ އާއި އެހެން ރަށްރަށުގައި އެ ތަކެތީގެ ވިޔަފާރި ކުރަމުންދާ ކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެކަމުގައި ބޭނުން ކުރަނީ އެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާ ގުޅުންހުރި އުޅަނދު ފަހަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންވެ އޭނާ ވަނީ ލޯންޗު ފަހަރާއި ސަފާރީތަކުގެ ވެރިފަރާތްތަކުން މިފަދަ ކަންކަމަށް ސަމާލުވެ ފުލުހުންނާއި ގުޅީގެން މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް