ކާޑުގެ ބާވަތްތަކުގެ އަގު ކުރިން ހުރި ވަރަށް ހެޔޮ ކުރަން ސަރުކާރުން ނިންމައިފި ފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި ބަދަލަށް އަމަލު ކުރަން ފަށާނީ މާދަމާއިން ފެށިގެން ކަމަަށެވެ. މާދަމާއިން ފެށިގެން ހަނޑޫ ކިލޯއެއް ވިއްކާނީ 3.98ރ. އަށެވެ. ހަކުރު ކިލޯއެއް ވިއްކާނީ ހަތަރު ރުފިޔާ އަށެވެ. ފުށް ކިލޯއެއްގެ އަގަކީ 2.98ރ. އެވެ.
އެތައް އަހަރަކުން ފެށިގެން ކާޑުގެ ބާވަތްތައް ވިއްކަމުން އައި މި އަގު ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެ ކުރާ އެސްޓީއޯއިން ބޮޑު ކުރީ ސަރުކާރުން ކާޑުގެ ބާވަތްތަކަށް ދެމުންދިޔަ ސަބްސިޑީ ކަނޑާލައި ހަމައެކަނި ނިކަމެތިންނަށް ކާޑުގެ ސަބްސިޑީ ދޭން ނިންމުމުންނެވެ. އެސްޓީއޯއިން ބުނީ އެ ނިންމުމާއި ގުޅިގެން ގިނަބައެއްގެ ޝަކުވަ ވޭތުވެދިޔަ ތަނުގައި އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ.
މިހާރު ފުށް ކިލޯއެއް ވިއްކަނީ 5.26ރ. އަށެވެ. ހަނޑޫ ކިލޯއެއްގެ އަގަކީ 6.76ރ. އެވެ. އަދި ހަކުރު ކިލޯއެއްގެ އަގަކީ 6.80ރ. އެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ ކާޑުގެ އަގަށް ގެނައި ބަދަލާ ގުޅިގެން، ރާއްޖޭގެ އެކި ރަށްރަށަށް ކާޑުގެ ބާވަތްތައް ވިއްކުމަށް ޚަރަދުގެ ގޮތުގައި ނާލާއި މަޖޫރީ އަދި ފައިދާ ހިމަނައިގެން ކިލޯ އަކަށް ގިނަވެގެން އިތުރު ކުރެވޭނެ ވަރު ކަނޑައަޅައިފަ އެވެ.
އެގޮތުން ޒޯން އެކެއްގައި ހިމެނޭ ރަށްރަށަށް ކިލޯއަކަށް ނަގާނީ 1.02ރ. އެވެ. އަދި ޒޯން ދޭއްގައި ހިމެނޭ ރަށްތަކަށް ކިލޯއަކަށް ނަގާނީ 82 ލާރި އެވެ. ޒޯން ތިނެއްގެ ރަށްތަކަށް 1.21ރ. އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް