މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓު އަންނަ މަހު އާންމު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ވޯޓާސް ލިސްޓު އެކުލަވާލުމުގެ މަސައްކަތް ހަލުވިކަމާއި އެކު މިހާރު ކުރަމުންދާ ކަމަށެވެ. އަދި އަންނަ މަހު ލިސްޓު އާންމު ކުރުމަށް ފަހު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށާއި މަސައްކަތް ކުރަނީ ޖޫން މަހު ރީރަޖިސްޓްރޭޝަނަށް ހުޅުވާލުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ އިލެކްޝަނާއި ގުޅޭ ހުރިހާ ކަމެއް ދުރާލާ ނިންމާ ރައްޔިތުންނާއި ގުޅުން ހުރި ކަންކަން ނިންމުމަށް ދެވެން އޮތް އެންމެ ދިގު މުއްދަތެއް ދިނުމަށް ކަމަށެވެ. ވޯޓާސް ލިސްޓު އާންމު ކުރުމުގެ އިތުރުން އަންނަ މަހު މޮނިޓަރުންނާއި އޮބްޒާވަރުންނަށް ފުރުސަތު ހުޅުވާލާނެ އެވެ.
ރިޔާސީ އިންތިޚާބު ބޭއްވުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ ކަމާ ގުޅޭ އިދާރާތަކާ އެކު މަޝްވަރާ ކުރަމުންނެވެ. މީގެ އިތުރުން ބައިނަލްއަގްވާމީ ޖަމިއްޔާތަކާ އެކު ވެސް އަންނަނީ ބައްދަލުވުންތައް ބާއްވަމުންނެވެ.
އީސީން ބުނީ މިފަހަރުގެ އިންތިހާބަކީ އެހެން އިންތިހާބުތަކެކޭ އެއްގޮތަށް ހާމަކަންބޮޑު ދެފުށްފެންނަ އިންތިހާބަހަށް ވާނެ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މިއަހަރުގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ބޭއްވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް