އިންޑިއާއިން ދީފައި އޮތް އެއް ހެލިކޮޕްޓަރު ގެންދަން އެދެފި

އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު އަނބުރާ ގެންދަން ދިވެހި ސަރުކާރުން އެދެފި އެވެ. އިންޑިއާގެ މީޑިއާގައި ރިޕޯޓުކޮށްފައިވާގޮތުގައި ރާއް...

04 Apr 2018 | 06:38

އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު އަނބުރާ ގެންދަން ދިވެހި ސަރުކާރުން އެދެފި އެވެ.

އިންޑިއާގެ މީޑިއާގައި ރިޕޯޓުކޮށްފައިވާގޮތުގައި ރާއްޖެއިން ގެންދަން އެދިފައިވަނީ އައްޑޫ ސިޓީ ގަމުގައި އޮންނަ ހެލިކޮޕްޓަރެވެ. އެއީ 2010 ވަނަ އަހަރު އިންޑިއާއިން ރާއްޖެއަށް ފުރަތަމަ ހަދިޔާ ކުރި ހެލިކޮޕްޓަރެވެ.

އޭގެ ބަދަލުގައި، ސަރުކާރުން ބޭނުން ވަނީ، ޑޯނިއާ މެރިޓައިމް ސަވަޔަލެންސް އެއާކްރާފްޓެއް ކަމަށް ނޫސްތަކުގައިވެ އެވެ.  އެކަމަކު ސަރުކާރުން މިގޮތަށް ބޭނުންވާ ސަބަބު ނޭނގޭތީ އިންޑިއާ ސަރުކާރުން ދަނީ އެކަން އޮޅުންފިލުވުމުގެ މަސައްކަތް ކުރަމުންނެވެ.

ރާއްޖެއަށް އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތައް އަދިވެސް އޮޕަރޭޓުކޮށްދެނީ ވަކި އެއްބަސްވުމެއްގެ ދަށުން އިންޑިއާ ސިފައިންނެވެ. ގަމުގައި އޮތް ހެލިކޮޕްޓަރު އޮޕަރޭޓު ކުރުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާއިރު ދިވެހި ސަރުކާރުން އެ އެއްބަސްވުން އާ ކުރާކަށް ބޭނުމެއް ނުވެ އެވެ.

އިންޑިއާއިން ދީފައިވާ އަނެއް ހެލިކޮޕްޓަރު އޮންނަނީ ކައްދޫ އެއާޕޯޓުގައި އެވެ. އާންމުކޮށް މި ދެ ހެލިކޮޕްޓަރުވެސް ބޭނުން ކުރަނީ ބަލިމީހުން އުފުލުމަށެވެ.

މިފަދަ ގޮތަށް އިންޑިއާއަށް ދިވެހި ސަރުކާރުން އަންގާފައި މިވަނީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައި އެވެ. އެގޮތުން ރާއްޖޭގައި އިއުލާނު ކުރި ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އިންޑިއާއިން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވާއިރު އެ މައްސަލައިގަ އިންޑިއާގެ އިސް އޮފިޝަލުން ވަނީ ދިވެހި ސަރުކާރުގެ ވެރިންނާއި ބައްދަލު ކުރަން ދެކޮޅު ހަދާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް