ރޮނާލްޑޯގެ ޖާދުލާއެކު ޔުވެންޓަސް ބަލިކޮށް ރެއާލް މެޑްރިޑް ސެމީއާ ގާތަށް

ޕޯޗުގަލްގެ ތަރި ކުރިސްޓިއާނޯ ރޮނާލްޑޯ ޖެހި ދެ ލަނޑާއެކު ރަށުން ބޭރުގައި 3-0 ން ޔުވެންޓަސް ބަލިކޮށް، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގް ރެއާލް މެޑްރިޑް ކާމިޔާބު ކޮށްފިއެވެ. މި ނަތީޖާއާ...

04 Apr 2018 | 03:42

ޕޯޗުގަލްގެ ތަރި ކުރިސްޓިއާނޯ ރޮނާލްޑޯ ޖެހި ދެ ލަނޑާއެކު ރަށުން ބޭރުގައި 3-0 ން ޔުވެންޓަސް ބަލިކޮށް، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގް ރެއާލް މެޑްރިޑް ކާމިޔާބު ކޮށްފިއެވެ. މި ނަތީޖާއާއެކު ދެ ވަނަ ލެގް އަމިއްލަ ދަނޑުގައި އޮތުމުން ސެމީ ފައިނަލްގެ ޖާގަ ހޯދުމަށް ރެއާލްއަށް ވަނީ ވަރަށް ބޮޑަށް މަގު ތަނަވަސްވެފައެވެ.

ޗެމްޕިއަންސް ލީގުގައި އަބަދު ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުރިސްޓިއާނޯ ރޮނާލްޑޯ ރޭގެ މެޗުގައި ދެ ލަނޑު ޖެހިއިރު، ދެ ވަނަ ލަނޑަކީ ޕެނަލްޓީ ސްޕޮޓަށްވުރެ ވެސް ބޭރުން ބައިސްކަލް ކިކް އަކުން ޖެހި ހިތްގައިމު މޮޅު ލަނޑެކެވެ. އަނެއް ލަނޑު ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ ފުލްބެކް މާސެލޯއެވެ.

ގެރެތު ބޭލްގެ ބަދަލުގައި، ސްޕެއިންގެ ޤައުމީ ޓީމާއެކު އެންމެ ފަހުގެ އިންޓަނޭޝަނަލް ބްރޭކްގައި މޮޅު ކުޅުމެއް ދެއްކި އިސްކޯއަށް ފުރަތަމަ 11 އިން ޒިދާން ފުރުސަތު ދިންއިރު، ރެއާލްއިން ފުރަތަމަ އުފެއްދި ހަމަލާއާއެކު ލަނޑު ޖަހަން މަގުފަހިކޮށްދިނީ ވެސް އިސްކޯއެވެ. މެޗު ފެށިގެން ތިން ވަނަ މިނިޓުގައި ރޮނާލްޑޯ ލަނޑު ޖެހީ އިސްކޯ އޭރިއާ ތެރެއަށް ނެގި ހުރަހަކުންނެވެ.

މި ލަނޑާއެކު ރޮނާލްޑޯ ވެފައިވަނީ ޗެމްޕިއަންސް ލީގުގެ ތާރީޚްގައި ވެސް ޖެހިޖެހިގެން 10 މެޗުގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާއަށެވެ. މި ދިޔަ ސީޒަންގެ ފައިނަލްގައި ޔުވެންޓަސް ކޮޅަށް 2 ލަނޑު ޖެހި މެޗުން ފެށިގެން ރެއާލް މެޑްރިޑް ޗެމްޕިއަންސް ލީގުގައި ކުޅުނު ކޮންމެ މެޗެއްގައިމެ ރޮނާލްޑޯ ވަނީ ލަނޑު ޖަހާފައެވެ.

ރެއާލްއިން މެޗުގެ ކުރީކޮޅު ލީޑު ނެގުމާއެކު ދެން ފެނިގެން ދިޔައީ ޔުވެންޓަސް އިން ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިތަނެވެ. ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް ގިނަ ހަމަލާތައް އުފެއްދީ ވެސް ޔުވެންޓަސް އިންނެވެ.

އެހެންނަމަވެސް ދެ ވަނަ ހާފު ފެށިގެން މެޗުގެ 64 ވަނަ މިނިޓުގައި ކުރިސްޓިއާނޯ ރޮނާލްޑޯ ޖެހި މޮޅު ލަނޑާއެކު ޔުވެންޓަސްގެ ހިތްވަރު އެލި ކުޅުން ދަށްވިކަން ފާހަގަ ކުރެވުނެވެ. އަނެއްކޮޅުން، ރޮނާލްޑޯ ޖެހި މި މޮޅު ލަނޑާއެކު ޔުވެންޓަސްގެ ދަނޑުގެ ހުރިހާ ހިސާބަކުން ވެސް ރޮނާލްޑޯއަށް ޔުވެންޓަސްގެ ސަޕޯޓަރުން ތަރުހީބު ދިންތަން ފެނިގެން ދިޔައެވެ.

ރޮނާލްޑޯގެ ލަނޑަށްފަހު ޔުވެންޓަސްއަށް އިތުރު މައްސަލައަކާ ކުރިމަތިވީ އެ ޓީމުގެ އެންމެ މުހިންމު އެއް ފޯވާޑް ޕައުލޯ ޑީބަލާއަށް ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑު ދެއްކުމުންނެވެ. މިއީ ޑެނީ ކަވަހާލްއަށް ކުރި ނުރައްކާތެރި ފައުލްއަކަށް ރެފުރީ ދެއްކި ކާޑެކެވެ. އޭގެ ކުރިން ޕެނަލްޓީ ހޯދުމަށް އޭރިއާ ތެރެއަށް ވެއްޓިގަތުން އޭނާއަށް ވަނީ ފުރަތަމަ ރީނދޫ ކާޑު ދައްކާފައެވެ.

ރޮނާލްޑޯ ދެ ވަނަ ލަނޑު ޖެހިތާ 8 ވަރަކަށް މިނިޓުގެ ތެރޭގައި މާސެލޯ ވަނީ ރެއާލްގެ ލީޑު 3 ލަނޑަށް ފުޅާކޮށްދީފައެވެ. ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެގަނެ ރޮނާލްޑޯއާ ވަން-ޓޫ ހަދައި ލިބުނު ބޯޅަ، ކުރިއަށް ނުކުމެނުކުމެ ހުރި ބުފަންގެ ގައިން ނައްޓުވާލައި މާސެލޯ ވަނީ ގޯލުގެ ތެރެއަށް ވައްދާލާފައެވެ.

މި މޮޅާއެކު ރެއާލް މެޑްރިޑު ސެމީއާ ގާތަށް ޖެހިލިއިރު، ސެމީއިން ޖާގައެއް ހޯދަން ބޭނުންނަމަ ޔުވެންޓަސްއަށް އޮތީ އުނދަގޫ ހަނގުރާމައެވެ. އަނެއްކޮޅުން މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން އަމިއްލަ ދަނޑުގައި މެޗަކުން ޔުވެންޓަސް ބަލިވި ފުރަތަމަ ފަހަރެވެ. އަދި 1962 ވަނަ އަހަރުގެ ފަހުން އަމިއްލަ ދަނޑުގައި މެޑްރިޑް އަތުން ބަލިވި ފުރަތަމަ ފަހަރު ވެސްމެއެވެ.

ރޭގައި ދެން ކުޅުނު މެޗަށް ބަލާއިރު، ބަޔާން މިޔުނިކުން ވަނީ ރަށުން ބޭރުގައި 2-1 ން ސެވިއްޔާ ބަލިކޮށްފައެވެ. މި މެޗުގައި ޕަބްލޯ ސަރަބިއާ ޖެހި ލަނޑާއެކު ލީޑު ނެގީ ސެވިއްޔާ އިންނެވެ. އެހެން ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖީސަސް ނާވަސް އަތުން ބައިކޮޅަށް ވަން ލަނޑާއެކު ނަތީޖާ ހަމަހަމަ ވިއިރު، ދެ ވަނަ ހާފުގައި އަލްބެއިޓް ތިއާގޯ ކާމިޔާބު ކޮށްދިން ލަނޑާއެކު ބަޔާން މިޔުނިކުން ފަހަތުން އަރާ މޮޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް