ހަލުވިކަމާއި އެކު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ލޯކަލް ކައުންސިލް އިންތިހާބު މި ވަގުތަށް ފަސް ކޮށްލުން ރަނގަޅު ކަމަށް ދެކޭކަމަށް އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވެއްޖެ އެވެ.
އަފްއާލް މިހެން ވިދާޅުވި އިރު މިދިޔަ މަހު ފަހުކޮޅު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ކޮރޯނާ ވައިރަސް ޖެހުމުގެ ފުރުސަތު ޗައިނާއަށް ނުދާ މީީހުންނަށްވެސް މިހާރު އެބައޮތް ކަމަށެވެ. އެހެންވެ ގިނަ މީހުން އެއްތަނަކަށް އެއްވެ ހިންގާ ހަރަކާތްތައް މަޑު ޖައްސާލަން އިލްތިމާސް ކުރާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން އަފްއާލް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސިޔާސީ ކެމްޕެއިންތަކާއި އެއްވުންތައް މި ވަގުތަށް މަޑުޖައްސާލުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ފެންނަކަމަށެވެ. އަދި މިއީ އިލެކްޝަންސް ކޮމިޝަނުން ވެސް ވިސްނާލުން ރަނގަޅު ކަމެއް ކަމަށެވެ.
ރާއްޖެއިން އަދި ކޮވިޑް-19 ފެނިފަ ނުވިޔަސް ރާއްޖެއާއި މި ސަރަހައްދުގެ އިތުރު ގައުމުތަކެއްގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ޗިލީއަށް ދިޔަ އެ ގައުމުގެ މީހަކު އެ ވައިރަހަށް ޕޮޒިޓިވްވެފައިވެއެވެ. އެހެންވެ ކަމާ ބެހޭ ފަރާތްތަކުން ގެންދަނީ އެމީހާ ރާއްޖޭގައި ހޭދަ ކުރި ދުވަސްތަކާއި ކަން ވެފައިވާ ގޮތުގެ މައުލޫމާތު ހޯދަމުންނެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންތިހާބެވެ. އިންތިހާބު ބޭއްވުމަށް މިހާރު ތާވަލް ކުރެވިފައިވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިހާތަނަށް އިންތިހާބު ފަސް ކުރުމަށް އެއްވެސް ފަރާތަކުން ކޮމިޝަނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް