އައި ރަނާޒް އިން އިންތިޒާމްކޮށްގެން ބާއްވާ މޯލްޑިވްސް އިންޓަނޭޝަނަލް މެރަތަން ފަސްކޮށްފި އެވެ.
މި ދުވުން ބޭއްވުމަށް ހަމަޖައްސާފައި އޮތީ މި ހަފްތާ ބަންދުގައި ހުޅުމާލޭގައި އެވެ.
އައި ރަނާޒް އިން އިއްޔެ ބުނީ ދުވުން ފަސް ކުރީ ނުރައްކާތެރި ކޮރޯނާ ވައިރަސް ފެތުރުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން ގިނަ މީހުން އެއްތަނަކަށް އެއްވެ ނޫޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފައިވާތީ ކަމަށެވެ. އަދި މިގޮތަށް ނިންމީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ހެލްތް މިނިސްޓްރީ އަދި އެޗްޕީއޭގެ ކަމާ ގުޅުންހުރި ފަރާތްތަކާއި މަޝްވަރާކޮށް ދީފައިވާ އިރުޝާދުތަކާއި ގުޅިގެން ކަމަށެވެ.
މި ދުވުން ބާއްވާނެ ތާރީހު ފަހުން އިއުލާނު ކުރާނެ އެވެ. އަދި ދުވުމުގައި ބައިވެރިވުމަށް ރަޖިސްްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކަށް ފަހުން ހަމަޖައްސާ ތާރީހުގައި ދުވުމުގައި ބައިވެރިވެވޭނެ އެވެ.
މެރަތަން އިންތިޒާމް ކުރާ ފަރާތުން ބުނީ ދުވަން ރަޖިސްޓްރީކުރި ބައިވެރިންގެ ކިޓުތައް ތައްޔާރުކުރެވިފައިވާ ކަމަށާއި ކިޓުތަކާއި ހަވާލުވާން އަންނަންވީ ތަނާއި ގަޑި އެސްއެމްއެސް މެދުވެރިކޮށް އަންގަމުންދާނެ ކަމަށެވެ. އަދި މިހާރު ރޭސް ކިޓު ނުނެގިޔަސް ދުވުން އޮންނަ ތާރީހާ ހަމައަށް ކިޓު އެ ޖަމިއްޔާގެ ހަވާލުގައި ރައްކާތެރިކަމާއި އެކު އޮންނާނެ ކަމަށް ބުނެފައިވެ އެވެ.
އެކަމަކު މި ރޭސްގައި ބައިވެރިވި ފަރާތްތަކަށް ފަހުން ބާއްވަން ހަމަޖައްސާ ތާރީހުގައި ދުވުމުގައި ބައިވެރި ނުވެވުނަސް ރިފަންޑެއް ނުލިބޭނެ އެވެ.
މޯލްޑިވްސް އިންޓަޏޭޝަނަލް މެރަތަން ގެ އިތުރުން ގައުމީ ސްކައުޓް ޖަމްބަރީވެސް ވަނީ ކޮރޯނާ ވައިރަސްއާއި ގުޅިގެން ފަސްކޮށްފައި އެވެ.
އެޗްޕީއޭއިން ބުނީ ކޮރޯނާ ވައިރަސް މުޅި ދުނިޔެއަށް ފެތުރި ޗައިނާއަށް ދަތުރު ނުކުރާ މީހުންގެ ގައިންވެސް ވައިރަސް ފެންނަމުންދާތީ ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް